ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ދިމާވި އިގުތިސާދީ ހީނަރުކަމާ ގުޅިގެން ކަނޑައިލި، ސިވިލް ސާވިސް މުވައްޒަފުންގެ ސެޓްފިކެޓް އެލަވަންސް މިހާރު ދޭން ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ލިޔުމުން މިނިސްޓަރު އަމީރާ ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.
މެމްބަރު ސުވާލު ކުރެއްވީ، 2020 އިން ފެށިގެން ސިވިލް ސާވިސް މުވައްޒަފުންގެ ސެޓްފިކެޓް އެލަވަންސްއާއި ޕާފޯމަންސް އެލަވަންސް ދިނުން ހުއްޓާލާފައިވުމުގެ ސަބަބުން ބައެއް މުވައްޒަފުންގެ ޝަކުވާ ލިބެމުންދާތީ، އެ އެލަވަންސްތައް ދޭން ފައްޓާނެ ދުވަސް އޮޅުން ފިލުވުމަށެވެ. އަދި އެ އެލަވަންސް ދޭން ފަށާއިރު، އެލަވަންސް ނުލިބި ދިޔަ ދުވަސްތައް ހިމަނާނެތޯ ސުވާލު ކުރެއްވިއެވެ. ހާއްސަކޮށް ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އެކަން ފާހަގަކުރަމުދާ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
ޖަވާބުގައި މިނިސްޓަރު ވިދާޅުވެފައި ވަނީ، ކޮވިޑުގެ ސަބަބުން ރާއްޖެއަށް ދިމާވި އިގުތިސާދީ ތަދުމަޑުކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ދިމާވި ހީނަރުކަމާއެކު ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި ހަރަދުތައް ކުޑަ ކުރުމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅަން ޖެހުނު ކަމަށެވެ.
އެގޮތުން ހުސްވި އަހަރުގެ ޖުލައި މަހު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ފިޒިކަލް ސްޓްރެޓަޖީ 2022 އިން 2024 ގައިވެސް ބަޔާންކޮށްފައިވާ ފަދައިން ކޮވިޑުގެ ހާލަތުން އަރައިގަނެވި އާއްމު ހާލަތަކަށް ރުޖޫއަ ވުމަށްފަހުވެސް، ހަރަދުތައް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތައް ދަމަހައްޓަންޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
"ކޮވިޑާ ގުޅިގެން ދައުލަތުގެ ހަރަދުތަކުގެ ތެރެއިން އެންމެ ފުރަތަމަ ކުޑަކުރެވެން އޮތީ ޑިސްކްރިޕްޝަނަރީ ހަރަދުތައް. މިގޮތުން ނިމިދިޔަ އަހަރު މުވައްޒަފުންނަށް ކުރާ ހަރަދު ހިމެނޭހެން ގިނަ ދާއިރާތަކަކުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ވާނީ އަޅާފައި. އަދި ދައުލަތުގެ އާމްދަނީ ކޮވިޑް-19ގެ ކުރިން ހުރި މިންވަރަށް އަންދާޒާ ކުރެެވެނީ 2023 ވަނަ އަހަރު ކަމުން އެއަހަރާ ހަމައަށް މިއަހަރު އަޅާފައިވާ ގިނަ ފިޔަވަޅުތައް ދަމަހައްޓައިގެން މެނުވީ، ދައުލަތުގެ ކޭޝްފްލޯ އަދި ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް ދަތިވާނެތީ ފިޒިކަލް ސްޓްރެޓީއާއި ބަޖެޓުގެ ހިސާބުތައް ތައްޔާރު ކުރުމުގައި ހަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓުމަށް ވަނީ ބަލައިފަ،" އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މުވައްޒަފުންގެ ޕްރޮމޯޝަނަރީ އެލަވަންސްތަކަކީ، ކޮވިޑާއެކު ހަރަދު ކުޑަކުރަން އެޅި ފިޔަވަޅުތަކުގެ ތެެރެއިން ވަގުތީ ގޮތުން ހުއްޓާލި އެލަވަންސްތަކެއް ކަމަށެވެ. އެގޮތުން ތައުލީމީ ދާއިރާއިން ޕްރޮމޯޝަނާއެކު ދެވޭ ސެޓްފިކެޓް އެލަވަންސާއި ޕާފޯމަންސް އެލަވަންސް ދިނުންވެސް ވަގުތީގޮތުން މެދުކަނޑާލި ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ގިނަ މުވައްޒަފުންތަކަކާއި އިދާރާތަކެއްގެ އެދުމުގެ މަތިން ސެޓްފިކެޓް އެލަވެންސް މިހާރު ދޭން ފަށާފައިވާ ކަމަށާއި ޕާފޯމަންސް އެލަވަންސް ދޭން ފަށަން އެންމެ އެކަށީގެން ވަނީ ދައުލަތުގެ އާމްދަނީއަށް އައި ހީނަރުކަން ފިލައިގެންގޮސް ފިޒިކަލް ޑިފިސިޓް ދެމެހެއްޓެނިވި މިންގަނޑަކަށް ރުޖޫއަވުމުން ކަމަށްވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
"މިކަން ތަންފީޒު ކުރާނެ ގޮތް އެކުލަވާލުމުގެ އިތުރުން ވަޒީފާގެ ގޮތުން މުވައްޒަފުންގެ މެދުގައި މުސާރައާއި އެލަވަންސްގެ ހަމަހަމަކަން އިތުރުކުރަން ކުރާ މަސައްކަތްތައްވެސް ނެޝަނަލް ޕޭ ކޮމިޝަނުން މިހާރު ދަނީ ކުރަމުން،" އަމީރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު