ހުޅުމާލޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީކޮށް ކުރިއެރުވުމުގެ މަގުސަދުގައި، "އީޖާދީ މަންސަ" ގެ ނަމުގައި ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީން) ހާއްސަ މުބާރާތެއް ހުޅުވާލައި، އެ މުބާރާތުގައި ބައިވެރިވެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވަނަތަކަށް ހޮވުނު ފަރާތްތަކަށް ލިޔުން ހަވާލުކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އާތިފު އެވެ.

އެޗްޑީސީން ބުނީ، "އީޖާދީ މަންސަ" އަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަލަށް ފަށާފައިވާ ވިޔަފާރިތަކަަށް ހާއްސަ އަމިއްލަ އުފެއްދުންތަކާއި، އާ ހިދުމަތްތަކުގެ އީޖާދީ ހިޔާލުތައް ހުށަހެޅުމުގެ އިތުރުން، މުޖުތަމައުގެ ގިނަ އަފުރާދުންގެ ބައިވެރިވުމާއި ދައުރު ފުޅާކޮށް މާލީ އެހީތެރިކަން ލިބިގެންދާނެ މުބާރާތެއް ކަމަށެެވެ.

އެގޮތުން ގޭގައި އޮންލައިން ވިޔަފާރި ތަކަށާއި، އަދި އަލަށް ވިޔަފާރި ފަށަން ޝައުގުވެރިވާ ފަރާތްތަކަށް "އީޖާދީ މަންސަ" މުބާރާތުގައި ބައިވެރިވާން ފުރުސަތު ހުޅުވާލުމުން ޖުމުލަ 36 ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށާއި، އަދި މާކްސް ލިބުން އަދަދަށް ބަލައި ޖުމުލަ ނުވަ ފަރާތެއް ހޮވިފައިވާ ކަމަށެވެ.

އެ ފަރާތްތަކަށް އެޗްޑީސީން ކަނޑައާ ވަކި މުއްދަތަކަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި "ހިޔާ" މަޝްރޫގެ ދަށުން ތަރައްގީކޮށްފައިވާ ފްލެޓްތަކުގެ ތިރީ ބުރިން 550 އަކަފޫޓު ހިމެނޭ ވިޔަފާރި ޔުނިޓްތަކެއް ހަވާލު ކުރާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އަދި މުބާރާތުގައި ފަސް ކެޓަގަރީއެއް (ކާބޯތަކެތި، ފަންނު، ދުޅަހެޔޮ، ވައްޓަފާޅި، އަދި ހިދުމަތް) ހޮވަން ހަމަޖެހިފައިވާއިރު، ކޮންމެ ކެޓެގަރީއަކުން އެއް ވަނައަށް ހޮވޭ ފަރާތަކާ ހަވާލުކުރާނެ ޔުނިޓް ތަކަކީ އެއް އަހަރު ވަންދެން އެއްވެސް ކުއްޔަކާ ނުލައި ހަވާލުކުރާނެ ޔުނިޓް ތަކެއް ކަމަށެވެ.