ރ. އުނގޫފާރުގައި އަލިފާނުގެ ހާދިސާއެއް ހިނގައި އިމާރާތުގެ ބައެއް އަނދައިފިއެވެ.

އުނގޫފާރު ކައުންސިލު ރައީސް އަބްދުﷲ ރަޝީދު މިއަދު "ވަން" އަށް ވިދާޅުވީ، އުނގޫފާރުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 09:30 ހާއިރު ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެޕާޓްމެންޓްގެ ބަދިގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށެވެ.

ރަޝީދު ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ އެ ރަށަށް އެކި ކަންކަމުގައި ރަށުން ބޭރުން އަންނަ މީހުންނަށް ކުއްޔަށް ދިނުމަށް ހާއްސަކޮށް ހަދާފައިވާ އެއް ކޮޓަރީގެ އެޕާޓްމެންޓެއްގައި ކަމަށެވެ.

"މިވަގުތު އެތަނުގައި އުޅެނި ވިހަން އައިސް ތިބި ބައެއް. އުނދުން މައްޗަށް އެއްޗެއް އުދާފައި ފިހާރައަކަށް ދިޔަ ގަޑީގައި ހިނގި ހާދިސާއެއް ކަމަށް މައުލޫމާތު ލިބިފަ އޮތީ. ބަދިގެ ހަމަ އެއްކޮށް އަނދާފަ އެ ވަނީ. ތަން މަރާމާތު ނުކޮށް ބޭނުން ނުކުރެވޭނެ ދެން. އެޕާޓްމެންޓް ނިމުނުތާ އަދި މަހެއް ހާ ދުވަސް މި ވީ. ބަދިގޭ ސީލިންގްވެސް އަނދާފައި، އަދި މަތީ ކަބަޑުތަކާއި ތިރީ ކަބަޑުތައްވެސް އަނދާފައި ހުރީ. ފާރުތަކަށްވެސް އަލިފާނުގެ އަސަރުކޮށްފައި ހުރީ." ރަޝީދު އިތުރަށް ވިދާޅުވިއެވެެ.

ތަނަށް ލިބިފައި ހުރި ގެއްލުމުގެ އަގު މިހާރު ބަލަމުން ގެންދާ ކަަމަށްވެސް ރަޝީދު ވިދާޅުވިއެވެ.