މާލޭން ހުޅުމާލެއަށް މައްޔިތުން އުފުލުމަށް މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ބޭނުން ކުރި ދެ ދޯނީގެ ކަންތަކުގައި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަމަލު ކޮށްފައިވާ ގޮތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަން ފަށައިފިއެވެ.
އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، އިސްލާމިކް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ފާހަގަ ކުރެވޭ އެ ދެ ދޯނީގެ މައްސަލައިގައި އޭސީސީން އަމަލު ކުރި ގޮތް ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެ ކޮމިޓީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
އެ މައްސަލަ ކޮމިޓީއަށް ހުށަހަޅާފައިވާއިރު، މައްޔިތުން އުފުލުމަށް އިސްލާމިކް މިނިސްޓްރީން ދެ ދޯނި ގަތުމުގައި މާލިއްޔަތުގެ ގާނޫނާ ހިލާފުވެފައިވާތީ، އެކަމުގެ ޒިންމާ ނަގަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމާ ބެހޭ ހުރިހާ އިޖުރާއަތްތައް ފިނޭންސް މިިނިސްޓްރީން ފުރިހަމަކުރުމަށް ދަންނަވަން، ހުސްވި ޖުލައި މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
މަޖިލީހުން މިގޮތަށް ފާސްކުރީ އިސްލާމިކް މިނިސްޓްރީގެ 2012 އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހުރި އޮޑިޓު ރިޕޯޓުތަކާ ބެހޭ ގޮތުން ބަލަން ހުރި ކަންތައް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބެލުމަށްފަހު އެ އޮޑިޓް ރިޕޯޓުތަކާ ބެހޭ ގޮތުން 11 ހުށަހެޅުމަކާ އެކު މަޖިލީހަށް ހުށަހެޅި ރިޕޯޓުގައި ހިމަނައިގެންނެވެ.
މާލިއްޔަތު ކޮމިޓީ ރިޕޯޓުގައި ބުނެފައިވަނީ ހުޅުމާލެ ސަހަރާގައި މައްޔިތުން ވަޅުލުމަށް އިސްލާމިކް މިނިސްޓްރީން ހަރަދު ކޮށްގެން ގަތް ދެ ދޯނި އެޗްޑީސީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައި ވަނީ މާލިއްޔަތުގެ ގާނޫނާ ހިލާފަށް ކަމަށެވެ.
އޮޑިޓް ރިޕޯޓުގައި ވަނީ އިސްލާމިކް މިނިސްޓްރީން އެ ދެ ދޯނި ބޭނުން ކޮށްފައި ވަނީ އެންމެ ތިން މަސް ދުވަހަށް ކަމަށާއި ދޯނިތައް ބޭނުން ކުރުން ހުއްޓާލާފައިވާތީ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ދޯނިތައް ނީލަން ކިޔުމުގައި އޭސީސީގެ އިއުތިރާޒެއް އޮތްތޯ ބެލުމަށް އެ ކޮމިޝަނަށް ލިޔުމުން، ދޯންޏާ ގުޅޭ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު މިނިސްޓްރީއަށް ވަކި އެއްޗެއް އަންގަންދެން ދޯނިތައް ނީލަން ކިޔުން ފަސްކުރުމަށް، ހުސްވި 2020 ވަނަ އަހަރު އޭސީސީން އަންގާފައިވާ ކަމަށެވެ.
އެކަން އެގޮތަށް އޮއްވައި ކޮވިޑުގެ ސަބަބުން މާލެ ފުރަބަންދު ކުރުމާ ގުޅިގެން ދޯނިތަކުގެ ހާލަތު ބެލުމަށް ނުދެވުމުން ގަދަ ވިއްސާރައިގައި ދޯނިތަކަށް ދިޔަވެ އެއްކޮށް އަޑިއަށް ގޮސްފައިވުމުން ދޯނިތަކާ މެދު ދެން އަމަލު ކުރާނެ ގޮތެއް އަންގައިދިނުމަށް އެޗްޑީސީން އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އެކަމާ ގުޅިގެން ދޯނިތަކާ މެދު ދެން އަމަލު ކުރާނެ ގޮތެއް އަންގައިދިނުމަށް އޭސީސީއަށް ހުށަހެޅުމުން، އެ ދޯނިތަކާ މެދު މިނިސްޓްރީން ވަކި ގޮތަކަށް އަމަލުކުރުމަށް ނުވަތަ ވަކި ގޮތަކަށް އަމަލު ނުކުރުމަށް އިއުތިރާޒު ނުކުރާ ކަމަށް އޭސީސީން އަންގާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަން ނިންމާފައިވަނީ، އެ ދޯނިތަކާ މެދު މިނިސްޓްރީން ވަކި ގޮތަކަށް އަމަލުކުރުމަށް ނުވަތަ ވަކި ގޮތަކަށް އަމަލު ނުކުރުމަށް އިއުތިރާޒު ނުކުރާ ކަމަށް އޭސީސީން އަންގާފައިވާ މައްސަލައެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މުގައްރިރު ރޮޒެއިނާ އާދަމް ވިދާޅުވީ، އެކަން ހިނގާފައިވާ ގޮތް އޮޅުން ފިލުވުމަށް މެންބަރުންގެ އެއްބަސްވުމާއެކު ކޮމިޓީން ނިންމާ ކަމަށެވެ.
އެކަމާބެހޭ ކޮމިޓީ ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ، އެގޮތަށް ދޯނިތައް ބާއްވައިގެން އެ އެއްޗެހި ހަލާކުވުމަކީ އިހުމާލެއް ކަމަށެވެ. އަދި އެކަމުން ލިބޭ ގެއްލުން ކުޑަކުރުމަށް، ދެ ދޯނީގައި އަޅާފައިވާ އިންޖީނުތަކާ މެދު ކަންތައް ކުރާނެ ގޮތެއް އަވަހަށް ނިންމުމަށް އިސްލާމިކް މިނިސްޓްރީއަށް ދެންނެވުމަށް ހިމަނާފައިވެ އެވެ.
މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން އެ ރަށްރަށުގައި ވަޅުލުން ހުއްޓާލައި، ހުޅުމާލޭގައި ވަޅުލާން ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ. އޭރު ހުޅުމާލެއަށް މައްޔިތުން އުފުލަނީ އެކަމަށް ހާއްސަ ކޮށްފައިވާ ދޯންޏެއްގައެވެ. ނަމަވެސް ހަމަ އެ އަހަރުގެ ތެރޭގައި، އެ ނިންމުމަށް ބަދަލު ގެނެސް އެރަށެއްގައި މަރުވާ މީހަކު އެ ރަށެއްގައި ވަޅުލަން ނިންމިއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް