ކުރިއަށް އޮތް ތިން އަހަރު، ޕީޕީއެމްގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތަށް މާލޭ ސިޓީ ކައުންސިލްގެ ޕީޕީއެމް މެމްބަރު ނަހުލާ އަލީ ސަސްޕެންޑުކޮށްފިއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު "ވަން" އަށް ވިދާޅުވީ ނަހުލާ ސަސްޕެންޑުކޮށްފައި ވަނީ ޕީޕީއެމްގެ ސްލޫކީ ކޮމިޓީއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އޭނާ ހާމައެއް ނުކުރެއެވެ.

ހީނާ ވިދާޅުވީ ސުލޫކީ ކޮމިޓީން ނިންމީ ނަހުލާ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވެފައިވާ ކަމަށެވެ. އެގޮތުން ހަ މަސް ދުވަސް ވަންދެން ޕީޕީއެމްގެ ޖަލްސާތަކުގައި ވާހަކަނުދެއްކޭ ގޮތަށާއި ކުރިއަށް އޮތް ތިން އަހަރު ޕީޕީއެމްގެ އެއްވެސް އިންތިހާބެއްގައި ވާދަ ނުކުރެވޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން ނަހުލާއަށް ނަސޭހަތްދިނުމަށާއި ޕާޓީގެ ކަންކަމުގައި އެއްބާރުލުން ދިނުމަށްވެސް ސުލޫކީ ކޮމިޓީން އަންގާފައިވާ ކަމަށެވެ. އެމައްސަލަ ނަހުލާގެ ފަރާތުން އިސްތިއުނާފު ކޮމިޓީއަށް މިހާރު ހުށަހަޅާފައިވާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ނަހުލާ ވަނީ 2014 ވަނަ އަހަރާއި 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކޮށްފައެވެ.