ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވިއިރު، މަސް ކިރުވާފައިވާ މަސްވެރިންނަށް ދޭން ޖެހޭ، 39 މިލިޔަން ރުފިޔާ ނުދީ އޮތް ކަމަށާއި، މިހާރު އެފައިސާ މަސްވެރިންނަށް ދީ ހަލާސް ކޮށްފައިވާ ކަމަށް ފިޝަރީޒް އެންޑް އެފްރިކަލްޗާ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ހުސެއިން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމާ ބެހޭ ގޮތުން މެންބަރުން ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އެ ފައިސާ މަސްވެރިންނަށް ދީ ހަލާސް ކުރުމަށްފަހު 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން، ކޮންމެ ހަފުތާއަކުން، ހަފުތާއަކުން މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިގެން ކުރިއަށް ގެންދާ ކަމަށެވެ.

އެގޮތުން މި ސެޕްޓެމްބަރު މަހުގެ 25 އިން ފެށިގެން ހުރި ބިލްތައް ފިޔަވައި އެހެން ހުރިހާ ބިލްތަކަކަށް މިހާރުވެސް މަސްވެރިންނަށް މިފްކޯއިން ފައިސާ ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުގެ މަސްވެރިކަމާބެހޭ މައިގަނޑު ޕޮލިސީ އަކީ މަހުން ލިބޭ އާމްދަނީ މިހާރަށްވުރެން އިތުރު ކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެއީ އަގުބޮޑު މާކެޓްތަކަށް މަސް ފޯރުކޮށްދީގެން ކުރެވޭނެ ކަމެއް ކަމަށާއި، އެކަމަށް ސަރުކާރުން ވަރަށްގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެކަން ކުރުމަށް ޓަކައި، މިހާރު ހުރި މަސްވެރި އުޅަނދު ފަހަރަކީ ބާނާ މަސް ފިނިކޮށް ތާޒާކަންމަތީގައި މާކެޓަށް ފޮނުވޭ ވަރުގެ ދޯނިތަކަށް ވާން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ، އޮފްޝޯ ޕްލެޓްފޯމްތަކަކީ ވަކި މުއްދަތެއްގެ ތެރޭގައި ކުރުމަށް ނިންމާފައި ހުރި ކަންތައްތަކެއް ކަމަށެވެ. އެހެންކަމުން މިވަގުތު އެކަމާބެހޭ އެއްވެސް މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް މިސަރުކާރުން ވެފައިވާ ވައުދެއް ކަމުން އެ ވައުދު އަކުރުން އަކުރަށް ފުއްދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ހުސެއިން ވިދާޅުވީ، ސަރުކާރުން ވެފައިވާ ވައުދާ އެއް ގޮތަށް، ރަށްރަށުގައި ގޭދޮށު މަސްފެކްޓްރީތައް ގާއިމު ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.