ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިފްކޯގެ ރިޖެކްޓް މަހާ ގުޅޭ ގޮތުން، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ލިޔުމުން ކުރެއްވި ސުވާލަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ދެއްވި ޖަވާބުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރުންނާ ސުވާލު ކުރުމުގެ ވަގުތުގައި އޮތީ، މިފްކޯއިން ތައިލެންޑަށް ވިއްކާފައިވާ ގަނޑުކުރި ކަޅުބިލަމަހާއި ކުދި ކަންނެލިމަހުގެ ރިޖެކްޓް ލެވެލްއަށް ފާއިތުވި ތިން އަހަރު މިފްކޯގެ އިންވޮއިސްތަކުން ޑިސްކައުންޓް ކުރެވިފައިވާނަމަ، ނުވަތަހިލޭ ދޫކޮށްލެވިފައިވާނަމަ އެ ފައިސާގެ ޖުމްލަ އަދަދަކީ ކޮބައިތޯ އާއި، އެކަމާބެހޭ 2016، 2017 އަދި 2018 ގައި ހުރި މިންވަރުގެ ތަފްސީ ހޯދުމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮނޑެ) ފިޝަރީޒް މިނިސްޓަރާ ލިއުމުން ޖަވާބު ހޯއްދެވުމަށް ލިއުމުން ސުވާލު ކުރެއްވުމެވެ.
އެ ސުވާލަށް މިނިސްޓަރު ލިއުމުން ދެއްވި ޖަވާބުގައި ވިދާޅުވީ، އެ މައުލޫމާތުތަކަކީ އެ މިނސިްޓްރީން އެއްކޮށް ބަލަހައްޓަމުން ގެންދާ މައުލޫމާތެއްނޫން ކަމަށެވެ. އަދި އެ މައުލޫމާތަކީ މިފްކޯގެ ފަރާތުން ބަލަހައްޓާނެ މައުލޫމާތުކަމަށް ބެލެވޭ، އެ ކުންފުނީގެ ވިޔަފާރިއާބެހޭ މައުލޫމާތު ކަމަށްވެސް ވިދާޅވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިފްކޮއަކީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާކުންފުންޏެއްނޫން ކަމަށެވެ.
މިނިސްޓަރުގެ ސުވާލާ ގުޅީގެން މަޖިލިސް ރައީސް ވިދާޅުވީ، އެއީ މިނިސްތަރާ ބެހޭ ކަމެއްނޫން ކަމަށް ވިދާޅުވާއިރު، ފިޝަރީޒް މިނިސްޓަރާ މަޖިލީހުން ހަވާލުކޮށްފައި އޮތީ، ކޮން މަސައްކަތެއްތޯ ބައްލަވަމުން ގެންދަވާ ކަމަށެވެ.
"އެބޭފުޅާއާ ބެހޭ ކަންތައްކާ ނުބެހޭ ކަންތައް ކަނޑައަޅުއްވާނީކީއެއް އެބޭފުޅާއެއްނޫން، ވަޒީރު އަމިއްލަފުޅަށް ކަނޑައަޅުއްވާކަމެއްނޫން އެއީކީއެއް، އެއީ މިތަނުން ކޮންމެ ވުޒާރާއަކަށް ހުންނާނެ އެ ވުޒާރާގެ މަސައްކަތް ހަވާލު ކުރެވިފައި، އެހެންވީމާ އެ މަސައްކަތްތައް، ތަފާސްހިސާބު ބެލެހެއްޓުން އެމަސައްކަތްތަކުގެ ތެރޭގައި ހިމެނޭކަމަށްވާނަމެ ވަޒީރަށް އެ ހުންނެވެނީ ނުބައި މަގެއްގައި،"
ރާއްޖޭގެ މަސްއެކްސްޕޯޓް ކުރުމުގެ މައްސަލަތައް މަޖިލީޙުން ބެލި ބެލުމުގައި ރިޖެކްޓް މަހަކީ، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގޭ އަމަލެއްގެ ގޮތަށް މީގެކުރިން ވަރަށް ސާފުކޮށް ފާހަގަވެފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ފިޝަރީޒް ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަންގެ މައްސަލަތަކުން ފެށިގެން މަސް އެކްސްޕޯޓު ކުރުމުގައި ރިޖެކްޓް ކުރީ ކަމަށްބުނެ ނާޖާއިޒް ފައިދާނަގައި ކޮރަޕްޝަންގެ އަމަލު ހިންގާފައި ވަރަށްގިނައިންހުންނަ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެއިރުކޮޅެއްފަހުން މަޖިލިސް ރައީސް ވިދާޅުވީ، "ރިޖެކްޓްމަހުގެ ތަފާސްހިސާބު ބެލެހެއްޓުމަކީ ކަނޑައެޅިގެން ފިޝަރީޒް މިނިސްޓްރީން ކުރަންޖެހޭކަމެއް، އެއީ ހަމައެކަނި ވިޔަފާރީގެ މައުލުމާތެއްނޫން، ރިޖެކްޓްމަހާ ގުޅޭގޮތުންނާއި އަދި ރާއްޖޭން ބޭރުކުރާ މަހާއި އެމަހުގެ އެންމެހާ ތަފާސްހިސާބުތައް އެއްކޮށް ބެލެހެއްޓުމަކީ އިލްމީގޮތުންވެސް އަދި ދިރާސީ ހުރިހާ މަގަކުން ބަލާއިރުވެސް މިނިސްޓްރީން ބަލަހައްޓަންޖެހޭ މައުލޫމާތު،" ކަމަށެވެ.
ދެން ވިދާޅުވީ، ފިޝަރީޒް މިނިސްޓަރު އެ ގެންދަވަނީ މަޖިލީހުގެ މަސައްކަތަަށް ހުރަސް އަޅަމުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު