Close
ޚަބަރު

ފިޝަރީޒް މިނިސްޓަރު، މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދައެއް ނުކުރައްވާ: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

މިނިސްޓާ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ޑރ. ހުސެއިން ރަޝީދު ހަސަން، އޭނާއާ ހަވާލު ކުރައްވާފައިވާ ޒިންމާތައް އަދާ ނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަޒީރުންނާ ސުވާލު ކުރުމަށް އޮންނަ ވަގުތުގައި، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮނޑޭ) މިނިސްޓަރު ޑރ. ހުސެއިން އާ ލިޔުމުން ކުރެއްވި ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބާ ގުޅިގެންނެވެ.

މިނިސްޓަރާ ސުވާލު ކުރައްވަމުން ބޮނޑޭ ވިދާޅުވީ، ރާއްޖެއިން އެކްސްޕޯޓް ކުރާމަހުގެ 70 ޕަސެންޓަކީ ގަނޑުކުރި މަހުގެ ގޮތުގައި ތައިލެންޑަށް ވިއްކާމަސްކަން 2019 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ފާހަގަކުރެވޭ ކަމަށެވެ.

އެހެންކަމުން ފާއިތުވި ތިން އަހަރު މި ހިސާބުތައް ހުރީ ކޮން މިންވަރެއްގައިތޯ އަދި މިހާރު ގަނޑުކުރި މަހުގެ ގޮތުގައި ރާއްޖެއިން މަސް އެކްސްޕޯޓްކުރާ ގައުމުތަކަކީ އަދި މިންވަރަކީ ކޮބައިތޯ، އާއި އަދި ރިޖެކްޝަން ލެވެލް އަކީ ކިހާވަރެއްތޯ އޮޅުން ފިލުވައިދިނުމަށް ބޮނޑޭ ގެ ސުވާލުގައި އެދިވަޑައިގެންފައިވެއެވެ. އޭގެ އިތުރުން މަހުގެ ރިޖެކްޝަން ލެވެލްއަކީ ކިހާވަރެއްތޯވެސް ސުވާލު ކޮސްފައިވެއެވެ.

އެ ސުވާލުތަކަށް މިނިސްޓަރު ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވީ، ރާއްޖޭން ތައިލެންޑަށް ވިއްކި ގަނޑުކުރި ފްރޯޒަން މަހުގެ ނިސްބަތަށް ބަލާއިރު، (ކިލޯ ގްރާމު) އިން ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ހިސާބުތަކަށް ބަލާއިރު، 2019 ވަނަ އަހަރު 59 ޕަސެންޓް، 2020 ވަނަ އަހަރު 69 ޕަސެންޓް އަދި 2021 ވަނަ އަހަރު 68 ޕަސެންޓް ތައިލެންޑަށް ވިއްކާފައިވާ ކަމަށެވެ.

ނަމަވެސް، އެކްސްޕޯޓު ކުރާ މަހުން ރިޖެކްޓްވާ އަދަދު ތަކަކީ، މަސްވެރިކަމުގައި ހަރަކާތްތެރިވާ އެއްވެސް ކުންފުންޏަކާ ގުޅޭގޮތުން މިނިސްޓްރީން ހޯދައި ރިކޯޑް ކުރާ މައުލޫމާތުތަކެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އެ ޖަވާބާ ގުޅިގެން ބޮނޑޭ ވިދާޅުވީ، "ރިޖެކްޝަން ލެވެލް ނުބަލާ ކަމަށްވަންޏާ އަދި ރާއްޖޭން އެކްސްޕޯޓު ކުރާ މަހުގެ އިންވޮއިސްތަކަށް ވާނުވާ ނުބަލާ ކަމަށްވަންޏާ ދެން އަޅުގަނޑުމެން ބަލަން ޖެހޭނެ ކަމެއް ނޯންނާނެ، ކޯލްޑްސްޓޯރޭޖާ ހިސާބުން އެތައް ސަސަތޭކަ ކޮންޓޭނާ ރިޖެކްޓްވޭ،" ކަމަށެވެ.

ބޮނޑޭ ފާހަގަ ކުރެއްވި ނުކުތާއާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، އެ ނުކުތާ ބަލައިގަންނަ ކަމަށެވެ. އަދި "މެންބަރު އައްސަވާފައި އޮތް ސުވާލަކީ ރިޖެކްޝަން ލެވެލްއަކީ ކޮބައޮތޯ، ވަޒީރު ވިދާޅުވީ އެކަން ވަޒީރު ނުބަލަހައްޓަވާ ކަމަށް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ސާފު ބަހުން ވަޒީރު މަޖިލީހުގައި އެ ވިދާޅުވަނީ، އޭނާގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާ ނުކުރައްވާ ވާހަކަ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު މި ބަލާލަނީ ވަޒީރުގެ މަސްއޫލިއްޔަތުތަކާ ޒިންމާ ތަކަކީ ކޮބައިތޯ، މި މަޖިލީހުން ފާސްކޮށްފައިވާ، ދެން އެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާ ނުކުރައްވާކަމަށް ސާފު ބަހުން މިތަނަށް ވިދާޅުވާ ކަމަށްވަންޏާ އެއީ ވަރަށް ބޮޑު އުނދަގުލެއް، އަޅުގަނޑު މިކަން ބެލުމަށްފަހު އަމީން އާއްމު އަރިހު އެދޭނަން މިކަމާބެހޭގޮތުން ވަޒީރާ ވާހަކަ ދައްކަވައިދެއްވުމަށް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.