ބައިނަލްއަގުވާމީ ފެންވަރުގެ ކްރޫސް ބޯޓުތަކެއް ބަނުމުގެ މަސައްކަތް ބަންގްލަދޭޝް ސަރުކާރުން ފަށައިފިއެވެ.
އެ މަސައްކަތުގެ ދަށުން ބަންގްލަދޭޝް ސަރުކާރުން ވަނީ ތިން ކުރޫސް ބޯޓެއް ބަނުމަށް ބަޔަކާ ހަވާލު ކޮށް، އެ މަސައްކަތް ފަށައިފައެވެ.
އޮފިޝަލުންނާ ހަވާލާދީ ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ ޑާކާ ޓްރިބިއުންގައި ބުނެފައި ވަނީ، އޭގެން ކޮންމެ ބޯޓަކަށް 77 ކުރޯޑް ބަންގްލަދޭޝް ޓަކާ (139 މިލިއަން ރުފިޔާ) ހަރަދު ވާނެ ކަމަށެވެ. މުޅި ޕްރޮޖެކްޓަށް ޖުމުލަ 231 ކުރޯޑް ބަންގްލަދޭޝް ޓަކާ (418 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ބުނެފައިވެއެވެ.
މީގެން ކޮންމެ ބޯޓެއްގައި ފަސިންޖަރުންނަށް ހާއްސަ 150 ކެބިން އަދި ކުރޫންނަށް ހާއްސަ 15 ކެބިން ހުންނާނެ އެވެ. އަދި ކޮންމެ ކެބިންއެއްގައި ފާހާނާއެއްވެސް ހުންނާނެއެވެ. އޭގެ އިތުރުން 20 ޕްރެޒިޑެންޝަލް ސޫޓް ހިމެނޭނެ އެވެ.
އަދި މި ބޯޓުތަކުގައި 60 މީހުންގެ ޖާގައިގެ 3ޑީ ސިނެމާ ހޯލަކާއި ދެ ސުވިމިން ޕޫލާއި ބާ އާއި ކެފޭ އަދި ހެލިޕޭޑެއްގެ އިތުރުން ޕޫލްސައިޑް ކެފޭތަކާއި ފުޑްކޯޓުތައްވެސް ހުންނާނެއެވެ. އޭގެ އިތުރުން އާއިލީ ގެޓްޓު ގެދާ ހަދައިލުމަށް ކޮންފަރެންސް ރޫމްތައް ވެސް ހަދާނެއެވެ.
ޝިޕިންގެ ސްޓޭޓް މިނިސްޓަރު ހާލިދު މަހުމޫދު ޗައުދަރީ ވިދާޅުވި ގޮތުގައި އަމާޒަކީ އެ ކުރޫސް ބޯޓުތައް 2023 ވަނަ އަހަރު އިފުތިތާހު ކުރުން ކަމަށެވެ. އަދި އެ ބޯޓުތަކުގެ ސަބަބުން ޓޫރިޒަމް ސިނާއަތް ފުޅާވުމުގެ އިތުރުން އިގުތިސާދުގައި ވެސް މުހިންމު ދައުރެއް އަދާ ކުރާނެ ކަމަށް ވިދާޅުވިއެވެ.
"ޓޫރިސްޓުންނަށް އަރާމުކަމާއެކު 15 ވަރަކަށް ދުވަހު ކަނޑުމަތީގައި ހޭދަކުރުމަށް މީގެން ކޮންމެ ބޯޓެއްގައި މުނިފޫހިފިލުވުމަށް ޒަމާނީ ވަސީލަތްތައް ހުންނާނެ. މިކަހަލަ ބޯޓުތައް އަދި ގެންގުޅެނީ ޔޫރަޕުގައި. އިންޑިއާގައިވެސް މިފެންވަރުގެ ބޯޓުތަކެއް ނެތް. މި ބޯޓުތަކުގައި އިންޑިއާ، ސްރީލަންކާ އަދި ރާއްޖެއަށް ވެސް ދަތުރުކުރެވޭނެ،" ހާލިދު މަހުމޫދު ވިދާޅުވިއެވެ.
ބަންގްލަދޭޝްގެ އެންމެ ފުރަތަމަ ލަގްޒަރީ ކުރޫސް ޝިޕް "އެމްވީ ބޭ ވަން" ލޯންޗު ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ. އެ ބޯޓު ދަތުރު ކުރަނީ ކޮޒް ބާޒާރާއި ސައިންޓް މާޓިންއާ ދެމެދުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު