ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ދިރާގާ ގުޅިގެން ޗައިލްޑްހުޑް ކެންސަރު ނުވަތަ ކުޑަކުދިންނަށް ޖެހޭ ކެންސަރު ބައްޔާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕެއިނެއް ފަށައިފިއެވެ.
2018 ވަނަ އަހަރުން ފެށިގެން ކޮންމެ ސެޕްޓެމްބަރު މަހަކު ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ "ޗައިލްޑްހުޑް ކެންސާ އެވެއާނެސް ކެމްޕެއިން" ގައި ކުރިންވެސް ވަނީ ދިރާގުން އެހީތެރިކަން ފޯރުކޮށްދީފައެވެ. މިއަހަރު މި ކެމްޕެއިންގެ ދަށުން ޗައިލްޑްހުޑް ކެންސަރަށް ކުދިން ކުރިމަތިވާ ކަންތައްތަކަކީ ކޮބައިކަމާއި، ބަލީގެ އަލާމަތްތައް ދެނެގަންނާނެ ގޮތާއި، ކެންސަރާ ގުޅިގެން ދިމާވާ ނަފުސާނީ ކަންތައްތަކާއި، ކެންސަރަށް ފަހު އަނބުރާ ސްކޫލަށާއި އަދި މުޖުތަމައުއަށް ކުދިން ނުކުންނާނެ ގޮތާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދޭނެއެވެ.
އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސާޗް އޮން ކެންސާ އިން ދާދި ފަހުން ނެރުނު ރިޕޯޓަކުން ދައްކާގޮތުގައި ދުނިޔޭގެ ނިސްބަތުން ބަލައިލިޔަސް މިހާރު ޗައިލްޑްހުޑް ކެންސަރު ނުހަނު އިތުރުވެ، ޕަބްލިކް ހެލްތު ކްރައިސިސްއަކަށް ވަނީ ވެފައެވެ. އޭގެ އިތުރުން މި ރިޕޯޓުތަކުން ދައްކާ ގޮތުގައި، ކެންސަރުގެ ސަބަބުން އެންމެ ގިނަ ކުދިން މަރުވެފައިވަނީ އޭޝިއާ ބައްރުގައެވެ.
ކުޑަކުދިންނަށް ޖެހޭ ކެންސަރު ބައްޔަކީ ދުނިޔޭގެ ނިސްބަތުން ކެންސަރު ބަލީގެ އެއް އިންސައްތައެވެ. އެހެންނަމަވެސް، ރާއްޖޭގެ ނިސްބަތުން ބެލެވޭގޮތުގައި ގާތްގަނޑަކަށް 6-7 އިންސައްތަ ކެންސަރު ބަލީގެ ޕޭޝަންޓުންނަކީ 19 އަހަރުން ދަށުގެ ކުދިން ކަމަށް ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްއިން ލަފާކުރެއެވެ. އެހެންކަމުން، ކެންސަރާ ބެހޭ މައުލޫމާތު ވީހާވެސް ގިނަ ފަރާތްތަކަށް އެނގުމަކީ މުހިންމު ކަމެކެވެ. ލުކީމިއާ އަދި ސިކުނޑިއަށް ޖެހޭ ކެންސަރު ފަދަ ކެންސަރު ބަލީގެ ބާވަތްތަކަކީ ކުޑަކުދިންނަށް އެންމެ ގިނައިން ޖެހޭ ކެންސަރު ބަލީގެ ތެރެއިން ބާވަތްތަކެވެ.
މިއަހަރުގެ މި ކެމްޕެއިން ފެށުމުގެ ގޮތުން މިމަހުގެ އެއްވަނަ ދުވަހު ދިރާގުން ވަނީ ޗައިލްޑްހުޑް ކެންސަރުގެ ރިބަންގެ ކުލައިން ނުވަތަ ރަންކުލައިގެ ރިބަނަކުން ދިރާގު ހެޑް އޮފީސް ދިއްލާލައިފައެވެ. މިއަހަރުގެ ކެމްޕެއިންގެ ދަށުން ޗައިލްޑްހުޑް ކެންސަރާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ހާއްސަ ވީޑިއޯ ސީރީޒްއެއްވެސް ވަނީ ނެރުމަށް ނިންމާފައިވެއެވެ.
ދިރާގުން ބުނީ މި ސީރީޒްގެ ދަށުން އަލި އަޅުވާލާނީ ރާއްޖޭގެ ޗައިލްޑްހުޑް ކެންސަރާ ބެހޭގޮތުންނާއި، މި ބަލީގައި މިހާރު ފަރުވާ ލިބެމުން އަންނަ ކުދިންގެ ވާހަކަތަކާއި، އަނބުރާ މުޖުތަމައު އަދި ސްކޫލަށް މި ކުދިން ނެރެމުމަށް މުޖުތަމައުގެ އެންމެންގެ އެއްބާރުލުން ދެވޭނެ ގޮތްތަކަށް ކަމަށެވެ. އަދި މި ކެމްޕެއިނުގައި ސްކޫލު ކުދިންނަށް އަމާޒުކޮށްގެން ހާއްސަ އޮންލައިން އާޓް އެގްޒިބިޝަނެއްވެސް ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް ބުންޏެވެ.
"ކުޑަކުދިންނަށް އެހީތެރިވުމާއި އަޅައިލުމަކީ އަޅުގަނޑުމެންގެ އިޖުތިމާއީ ޒިންމާގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް. އަދި މިފަދަ މުހިންމު ކެމްޕެއިނެއްގައި ބައިވެރިވުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި ދެކެން. ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްއަށް މި ކެމްޕޭނުގެ މެސެޖުތައް ވީހާވެސް ގިނަ ފަރާތްތަކަށް ފޯރުކޮށްދީ، ހޭލުންތެރިކަން އިތުރު ކުރުމުގެ މި ޕްރޮގްރާމުގައި ދިރާގުން ވަރަށް ފުރިހަމަ އެއްބާރުން ދޭނެ ކަމުގެ ޔަގީންކަން ދެން،" ދިރާގުގެ ޑިރެކްޓާ އޮފް ކޯޕަރޭޓް ސާވިސަސް އާތިފާ އަލީ ވިދާޅުވިއެވެ.
އެ ކެމްޕެނާ ގުޅޭގޮތުން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ޗެއާޕާސަން، ޖުވޭރިޔާ ސައީދު ވިދާޅުވީ މިއަހަރުގެ ކެމްޕެއިނުގައި ކެންސަރު ބަލިން ރަނގަޅުވެގެން އަލުން އަނބުރާ ސްކޫލަށް ނުކުންނަށް ކުދިންނަށް މުޖުތަމައުން އެހީތެރިވެވޭނެ ގޮތްތަކާ މެދު ހާއްސަކޮށް އަލިއަޅުވައިލެވޭނެ ކަމަށެވެ. އަދި މި ބަލީގެ ސަބަބުން ކުދިންނަށާއި އާއިލާތަކަށް ނަފުސާނީ ގޮތުން ކުރިމަތިވާ މައްސަލަތަކަށް އަލިއަޅުވައިލާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ދިރާގުން އަޅުގަނޑުމެންގެ ޗައިލްޑްހުޑް ކެންސާ އެވެއާނަސް ކެމްޕެއިނަށް 2018 ވަނަ އަހަރުން ފެށިގެން ދަނީ މެއިން ޕާޓްނަރެއްގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދެމުން. އެހެންކަމުން ދިރާގަށް ވަރަށް ހާއްސަކޮށް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވިއެވެ.
ދިރާގުން އަންނަނީ ކުޑަކުދިންނަށް އަމާޒުކޮށްގެން ބާއްވާ މިފަދަ ޕްރޮގުރާމުތަކުގައި ރާއްޖޭގައި ހަރަކާތްތެރިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު