އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވާދަކުރެއްވީ ވަކި ފެކްޝަނެއްގެ ފަރާތުން ނޫން ކަމަށާއި އޭނާއާ ދެކޮޅަށް އެ ޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފު ކުރެއްވީ އެންޓި ކެމްޕޭނެއް ކަމަށް މަހުލޫފު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އިންތިހާބުގައި ބޮޑު ވާދަވެރިކަމެއް ފެނިގެންދިޔައެވެ. އެގޮތުން އެ އިންތިހާބަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެންޑިޑޭޓުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެންޑިޑޭޓުންގެ ވާދަވެރި އިންތިހާބެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރިއެވެ. އިންތިހާބުގެ ތެރެއިން ގައުމީ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ރައީސް ސޯލިހުގެ ފެކްޝަނުން ކާމިޔާބުކުރި ކަމުގެ ވާހަކަތައް ދެކެވޭ އިރު، ވަޒީރުން ހިމެނެނީ ރައީސް ސޯލިހުގެ ފެކްޝަނުގައި ކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އެމްޑީޕީގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މަހުލޫފަށް ލިބިވަޑައިގެންނެވީ އެ އިންތިހާބު ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މަހުލޫފަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅާފައިވުމާ ގުޅިގެން، އޭނާއަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމި ނަމަވެސް، މަހުލޫފު ވަނީ އެ ނިންމުން މުރާޖައާ ކޮށްދޭން އެދިފައެވެ. އެމްޑީޕީގެ ޝަކުވާ ކޮމިޓީން ވެސް މަހުލޫފުގެ ޝަރުތު ހަމަ ނުވާ ކަމަށް ނިންމުމާ ގުޅިގެން އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން އޭނާއަށް ވާދަކުރެވޭ ގޮތަށް ނިންމިއެވެ.

ރާއްޖެޓީވީގެ ރޭގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިންތިހާބުގައި މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް އިންތިހާބުވި މަހުލޫފު ވިދާޅުވީ އިންތިހާބުގައި އޭނާއަށް ވަރަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހުނު ކަމަށާއި ވަރަށް އިސް ބޭފުޅުން އެންޓި ކެމްޕޭން ވެސް ކުރެއްވި ކަމަށެވެ. އަދި އެމްޑީޕީގެ ފަރާތުން އިންތިހާބުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު އޭނާއާ ދެކޮޅަށް އެންޓި ކެމްޕޭން ކުރެއްވި ތަން ފެނިގެންދިޔަ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ކަންބޮޑުވި، ވަރަށް ހިތްހަމަ ވެސް ނުޖެހުނު ވޯޓުލީ ދުވަހު ނޫން ކުރީ ދުވަހު އެމްޑީޕީގެ ފަރާތުން އެމްޑީޕީގެ ޗެއާޕާސަން ޕްރެސް ކޮންފަރެންސެއް ބާއްވާފައި، އެ ޕްރެސް ކޮންފަރެސްގައި ދެއްކެވީ ހުސް އަޅުގަނޑުގެ ވާހަކަ. އެމްއެމްޕީއާރުސީގެ މައްސަލައާ އަޅުވާފަ އާއި އަޅުގަނޑަށް ވާދަ ކުރެވޭނެ ކަމަށް ނިންމި ނިންމުން ބަލައިނުގަންނަ ވާހަކައާއި ހަތް ފަހަރު ފަނޑިޔާރުންގެ މަޖިލީހުން ނިންމި ނިންމުން ތިމަންނަ ކީމޭ، އެއްގޮތަކަށް ވެސް އޭގައި އޮތް ވާހަކަ ތިމަންނައަށް ގަބޫލު ނުކުރެވެއޭ. ވަކިން ވިދާޅުވި ނަމަވެސް އޯކޭ. އެކަމަކު އެމްޑީޕީގެ ފަރާތުން އިންތިހާބުގެ ކަންކަން ރޭވިފައިވާ ގޮތާ ބެހޭ މައުލޫމާތު ދެއްވަން ޗެއާޕާސަން އަރައިވަޑައިގެން އިންނަވާފައި އެ ދުވަހު ހުސް ކުރެއްވި ކަމަކީ އަޅުގަނޑާ ދެކޮޅަށް ކުރި އެންޓި ކެމްޕޭނެއްގެ ގޮތުގައި އަޅުގަނޑަށް ފެނުނީ،" މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ އެކަމާ މިއަދު އެއްވެސް ހިތްހަމަނުޖެހުމެއް ނެތް ކަމަށާއި އަބަދުވެސް ޗެލެންޖުތަކާ ކުރިމަތިލާން ބޭނުން ވާ ކަމަށެވެ. އޭގެ އިތުރުން ޕީޖީ އޮފީހުގައި އޭނާގެ މައްސަލަ އޮންނަތާ 100 އަށްވުރެ ގިނަ ދުވަސްވެފައިވާ ކަން ވެސް ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހުގެ ފެކްޝަނާއި ރައީސް ނަޝީދުގެ ފެކްޝަނާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މަހުލޫފު ވިދާޅުވީ އޭނާގެ ނަން އެއްވެސް ޓީމު ލިސްޓެއްގައި ޖަހާފައި އޮތް ތަން ފެނިފައި ނުވާ ކަމަށާއި އެގޮތަށް ޓީމު ހަދައިގެން މަސައްކަތް ކުރާ ތަނަކަށް ވަޑައިގެންފައި ވެސް ނުވާނެ ކަމަށެވެ.

"އަޅުގަނޑުގެ ނަން، އަޅުގަނޑަކަށް ނުފެނޭ އެއްވެސް ޓީމު ލިސްޓެއްގައި ޖަހާފައި އޮއްވައެއް. ޕާޓީ ތެރޭގައި އެބައުޅޭ ކުޑަކުޑަ ހިޔާލު ތަފާތުވުމެއް. ހިޔާލު ތަފާތުވާން ވާނެ. ހިޔާލު ތަފާތުވާ ވާހަކަ އެންމެ ބާރަށް ދެއްކީވެސް އެމްޑީޕީ. އެހެންވީމާ ހިޔާލު ތަފާތުވުމަކުން މައްސަލައެއް ނެތްތާ. ބަރުލަމާނީތޯ، ރިޔާސީތޯ، ޕްރައިމަރީއަކަށް ދޭތޯ، ނުދޭތޯ، މި ހުންނަނީ ހިޔާލު ތަފާތުވެ މަޝްވަރާކުރަން ހުރި ކަންކަން،" މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފު އިތުރަށް ވިދާޅުވީ ހަމަގައިމުވެސް ރައީސް ސޯލިހު އެންޑޯޒްކޮށްގެން ލިސްޓެއް އާންމުކޮށް އެބޭފުޅުންނަށް ވަކިން ކެމްޕޭނެއް ކުރި ތަނެއް ފެނިގެން ގޮސްފައި ނުވާ ކަމަށާއި އޭނާއަށް ތާއީދުކޮށްފައި ރައީސް ސޯލިހު އަދި ރައީސް ނަޝީދު ވެސް ކުރެއްވި އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.