އެމްޑީޕީގެ މެންބަރުންގެ ވިސްނުމާއި ފިކުރު، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށްވުރެން ބޮޑަށް އަދިވެސް އެނގެނީ އޭނާއަށް ކަން، އިއްޔެ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުން އެނގިގެން ހިނގައްޖެ ކަމަށް، އެ ޕާޓީގެ އެންމެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް (އިބުރާ) ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ނިސްބަތް ކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގައި އިބުރާ ވިދާޅުވީ، ބަރުލަމާނީ ނިޒާމަކީވެސް މިހާރު އެމްޑީޕީގެ މެންބަރުންގެ ފިކުރެއް ނޫން ކަމަށެވެ.

"އެމްޑީޕީގެ މެންބަރުންގެ ވިސްނުމާއި ފިކުރު އަދިވެސް އަންނިއަށްވުރެ ބޮޑަށް އެނގެނީ އަހަންނަށް ތާއެވެ. ބަރުލަމާނީއަކީ މިހާރު އެމްޑީޕީ މެންބަރުންގެ ފިކުރެއް ނޫން،" އިބުރާ ވިދާޅުވިއެވެ.

އިބުރާ އިތުރަށް ވިދާޅުވީ، އިއްޔެގެ އިންތިހާބުގައި އެމްޑީޕީގެ މެންބަރު ބަރުލަމާނީ އަށް ނޫނެކޭ ބުނެ ޕާޓީ އާއި ގައުމު ނުރައްކަލުން ނެރެދިނީތީ އުފާކުރައްވާ ކަމަށެވެ.

އިބުރާ މިހެން ވިދާޅުވިއިރު، ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ގިނަ ކެނޑިޑޭޓުންތަކެއް އިއްޔެގެ އިންތިހާބުގައި އެމްޑީޕީގެ ގައުމީ މަޖިލީހަށް އިންތިހާބު ވުމަކީ ރާއްޖެއަށް ލިބުނު ކުރިއެރުމެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ގެންދަވަނީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. ޕާޓީ ތެރެއިން އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކުންވެސް ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް ތާއީދު ކޮށް އެކަމަށް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ނަމަވެސް އެމްޑީޕީގެ އެތެރޭގެ އިންތިހާބު ވަރަށް ވާދަވެރިކޮށް ކުރިއަށް ގެންގޮސް އިއްޔެ ނިމުނުއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅިއަށް ބޮޑު ތަނުން ބަރުވެފައިވާ ކަން ވަނީ ފާހަގަ ކުރެވިފައެވެ.