އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމާބެހޭ ގާނޫނުގެ ބިލު ދެހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޓާނީޖެނެރަލް އޮފީހުން ބުނެފިއެވެ.

އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދަށް އަމަލު ކުރުުގެ މުއްދަތު އިތުރުކުރުމަށް ރައްިޔުންގެ މަޖިލިހުގެ ގަވާއިދު ކޮމެޓީން ކުރިއަށްގެންދިޔަ މަަސައްކަތްތަކުގެ ތެރެއިން، އެ ގަވާއިދަށް ގާނޫނީ ބާރު ދޭން އެޓާނީޖެނެރަލްގެ އޮފީހުން ހަދަން ޖެހޭ ބިލުގެ މަސައްކަތާ ބެހޭގޮތުން، އެ ކޮމިޓީން އޭޖީ އޮފީހާ ސުވާލު ކުރުމުން، ކޮމިޓީއަށް އޭޖީ އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ދިން ޖަވާބުގައި ބުނެފައި ވަނީ، އެ ބިލުގެ ޑްރާފްޓް ފުރިހަމަ ކުރުުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބިލުގެ މަސައްކަތް މުޅިން ނިންމައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށްފަހު އެ ބިލުގެ މަސައްކަތް ވީހާ އަވަހަށް ނިންމައި މަޖިލީހަށް ފޮނުވުމަށް އޭޖީ އޮފީހަށް ހުށަހަޅަން ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދަކީ 2007 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ގަވާއިދެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ވަނީ އެ ގަވާއިދު އުވާލައި، އެ ގަވާއިދުގައިވާ އުސޫލުތަކާ ހިލާފަށް އަބުރުގެ ގާނޫނެއް ފާސްކޮށްފަ އެވެ. އެ ގާނޫނުގެ ދަށުން ނޫސް އިދާރާތަކާއި ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުގެ ބާރު ޝަރުއީ މަރުހަލާއިން ބޭރުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ދީފައިވެ އެވެ.

އެ ގާނޫނާ މެދު ގިނަ އަދަދެއްގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ހެދި ޕީޕީއެމާ ދެކޮޅު މެންބަރުންގެ ތާއީދާއެކު 2018 ވަނަ އަހަރު އެ ގާނޫނު އުވާލައި އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދަށް ގާނޫނީ ބާރުވެރިކަންދޭން މަޖިލީހުން ފާސްކުރިއެވެ.