އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރެއްވި ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ވާދަކުރެއްވި ދާއިރާތަކަށް އިންތިހާބުވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ރަޝާދާއި ރޯޑު ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު އަދި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވަނީ ވާދަކުރައްވައިފައެވެ. މި ހަތަރު ބޭފުޅުންވެސް ވަނީ ވާދަކުރެއްވި ދާއިރާތަކަށް އިންތިހާބުވެފައެވެ.
އަމްރު ވާދަކޮށްފައިވަނީ މަތި ދެކުނު ޕްރޮވިންސްގެ ރައީސް ކަމަށެވެ. މޫސާ އަލީ މަނިކު މަޑުއްވަރީ ދާއިރާގެ ރައީސް ކަމަށް ވާދަކޮށްފައިވާ އިރު، ރިޒްވީ ވާދަކޮށްފައިވަނީ ބިލެތްދޫ ދާއިރާގެ ރައީސް ކަމަށެވެ. އަދި އަހުމަދު ސައީދު ވާދަކުރެއްވީ ގައްދޫ ދާއިރާގެ ރައީސް ކަމަށެވެ. މި ހަތަރު ބޭފުޅުންވެސް ވަނީ ވާދަކުރެއްވި ދާއިރާތަކަށް އިންތިހާބުވެފައެވެ.
ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަން ވަނީ ތިނަދޫ އުތުރު ދާއިރާގެ ރައީސްގެ މަގާމަށް ވާދަކުރައްވައި ކާމިޔާބު ކުރައްވައިފައެވެ. އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއިލްވެސް ވަނީ ވާދަކުރެއްވި ދާއިރާ ކާމިޔާބުކުރައްވައިފައެވެ. އޭނާ ވާދަކުރެއްވީ ފޮނަދޫ ދާއިރާގެ ރައީސް ކަމަށެވެ. އޭނާއަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ބޭބެއެވެ.
މީގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލެއްވި އެޗްޑީސީގެ މިހާރުގެ ސީއޯއޯ ޝާތިރު އަބްދުއްރަހުމާނުވެސް ވަނީ އިންތިހާބުވެފައެވެ. އޭނާ އެ ދާއިރާ ކާމިޔާބުކޮށްފައިވަނީ މުހައްމަދު މައުރޫފާއި އަހުމަދު ޝާމްއާ ވާދަކޮށްގެންނެވެ.
އެމްޑީޕީ އެތެރޭގެ އިންތިހާބުގައި ވާދަކުރެއްވި ހުރިހާ ވަޒީރުންވެސް ވަނީ ދާއިރާ ކާމިޔާބުކުރައްވައިފައެވެ. އެގޮތުން އެމްޑީޕީގެ ގަމު ދާއިރާގެ ރައީސްކަމަށް ވާދަކުރައްވައި މިނިސްޓަރު ފައްޔާޒު ވަނީ ކާމިޔާބު ހޯއްދަވައިފައެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާދަކުރެއްވީ އެމްޑީޕީގެ މެދު ދެކުނު ޕްރޮވިންސްގެ ރައީސްކަމުގެ މަގާމަށެވެ. މިނިސްޓަރު އަމީރު ވަނީ ބޮޑު އަޣުލަބިއްޔަތަކުން އެ ދާއިރާގެ ރައީސްކަން ކާމިޔާބުކުރައްވައިފައެވެ.
އެމްޑީޕީގެ މެދުއުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވެސް ވަނީ އިންތިހާބުވެފައެވެ. ގިނަ ފޮށިތަކެއްގެ ނަތީޖާ މިހާރު އިއުލާންކޮށްފައިވާ އިރު، އެ ފޮށިތަކުން މަހުލޫފު ވަނީ 90 އިންސައްތަ ވޯޓު ހޯއްދަވައިފައެވެ.
މީގެ އިތުރުން އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް ކަމުގެ ގޮނޑީގައި ފެށުނީއްސުރެ އިންނަވާ އަކުރަމް ކަމާލުއްދީނާ ބަލިކޮށް އެ ދާއިރާގެ އިންތިހާބު ކާމިޔާބުކޮށްފައިވަނީ މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދުއެވެ.