ދެކުނުގެ ރަށެއްގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ބޭސްތަކެއް ކައިގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ޖެންޑާ މިނިސްޓްރީން މިރޭ ބުނީ ދެކުނުގެ ރަށެއްގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ބޭސްތަކެއް ކައިގެން މިރޭގެ ވަގުތެއްގައި އެ ރަށު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެކުއްޖާ އަކީ ނަފުސާނީ ބައްޔަށް ބޭސް ކުރަމުން އަންނަ ކުއްޖެއް ކަމަށާއި ކުއްޖާގެ ހާލު މިވަގުތު ރަނގަޅު ކަމަށް ޖެންޑާ އިން ވަނީ ބުނެފައެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ހުރި ކަމަށް ފެންނާތީ އެކަން ބަލަމުން އަންނަ ކަމަށާއި އެކަމުގެ މައުލޫމާތު އޮމްބަޑްސްޕާސަންއާ ހިއްސާކޮށްފައިވާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ރަށުގެ އަމާންވެށީގައި ކަރަންޓީނުގައި ހުރި އެ ކުއްޖާ ބޭސްތަކެއް ކައިގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު މެންދުރުފަހު 3:30 ހާއިރެވެ. މިހާރު ކުއްޖާގެ ހާލު ރަނގަޅު ނަމަވެސް ކުއްޖާ އަދިވެސް އޮތީ ހޮސްޕިޓަލުގައެވެ.

އެކުއްޖާ އަކީ ދާދި ފަހުން އެރަށުގެ އަމާންވެއްޓަށް ބަދަލު ކުރި ކުދިންތަކުގެ ތެރެއިން ކުއްޖެކެވެ. އުމުރުން 14 އަހަރުގެ އެ އަންހެންކުއްޖާ އަކީ އެރަށަށް ނިސްބަތްވާ ކުއްޖެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ. އެ ކުއްޖާ ކެއީ ނިދާ ބޭސްތަކެއް ކަމަށާއި އެ ބޭސްތަކަކީ އެ ކުއްޖާ މާލެއިން އެރަށަށް ދިޔަ އިރު ދަބަހުގައި ހުރި ބޭސްތަކެއް ކަމަށްވެސް އެނގިފައިވެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އިހުމާލުވާ ކަމަށް ބުނާ މައްސަލަތައް މިފަހުން އިތުރެވެ.