ބޮޑު އަޣުލަބިއްޔަތަކުން އެމްޑީޕީގެ މެދުއުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އިންތިހާބުވެއްޖެއެވެ.

މިއަދު މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދިޔަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި މިހާރު ވަނީ ވަގުތީ ނަތީޖާ އިއުލާންކުރަން ފަށައިފައެވެ.

ވަގުތީ ނަތިޖާ ދައްކާ ގޮތުން އެމްޑީޕީގެ މެދުއުތުރު ޕްރޮވިންސްގެ ރައީސްގެ މަގާމު ބޮޑު އަޣުލަބިއްޔަތަކުން ވަނީ މަހުލޫފް ކާމިޔާބުކޮށްފައެވެ. އިންތިހާބުގައި އެ ދާއިރާއަށް މަހުލޫފާ ވާދަކޮށްފައިވަނީ މޫސާ ނައީމާއި އަލީ ޝާހީން ހުސެއިނެވެ.

ގިނަ ފޮށިތަކެއްގެ ނަތީޖާ މިހާރު އިއުލާންކޮށްފައިވާ އިރު، އެ ފޮށިތަކުން މަހުލޫފު ވަނީ 90 އިންސައްތަ ވޯޓު ހޯއްދަވައިފައެވެ. މަހުލޫފު ވާދަކުރައްވާ މެދުއުތުރު ޕްރޮވިންސްގައި ހިމެނެނީ ކ.، އއ.، އދ. އަދި ވ. އަތޮޅުގެ ރަށްތަކެވެ.