އައްޑޫ ސިޓީ ހިތަދޫގައި ދެމަފިރިއަކަށް ހަމަލާދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ދުއްވާފައި ދިޔަ ސައިކަލެއްގައި ތިބި ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ މިދިޔަ ހަފުތާގެ ހުކުރު ދުވަހުއެވެ. އެ މާރާމާރީގައި އަނިޔާވެފައިވަނީ 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނަކަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މާރާމާރީގައި އަނިޔާ ލިބުނު އަންހެން މީހާއަކީ ނަރުހެކެވެ. އަނިޔާވި ދެ މީހުންނަކީ ދެމަފިރިންނެވެ. އެ ދެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި މިއަދު ކޯޓު އަމުރެއްގެ ދަށުން 27 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ދުވަހުގެ މެންދުރުފަހުވެސް ވަނީ އައްޑޫގައި ތޫނު އެއްޗަކުން ހަމަލާދީ އިތުރު މީހަކު ޒަހަމްކޮށްލައިފައެވެ. އެ މާރާމާރީ ހިންގާފައި ވަނީ އައްޑޫ ފްލެޓް ސަރަހައްދުގައެވެ. މާރާމާރީއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 31 އަހަރުގެ ފިރިހެނެކެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިދޔަ އަންގާރަ ދުވަހުއެވެ. އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

އެ މާރާމާރީގައި ޒަހަމްވީ ހިތަދުއަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ. އޭނާވަނީ އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފައެވެ.