އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި މެދު އުތުރު ޕްރޮވިންސްގެ ރައީސްކަމުގެ މަގާމު 80 ޕަސެންޓް ވޯޓާއެކު ކާމިޔާބު ކުރައްވާނެ ކަމަށް އެ ދާއިރާއަށް ވާދަކުރައްވާ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ރާއްޖޭ ޓީވީން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން މަހުލޫފު ވިދާޅުވީ، ކެމްޕެއިނަށް ކުރި ދަތުރުތަކުގައި އެމްޑީޕީގެ މެންބަރުންގެ ފަރާތުން އެންމެ ގިނައިން ލިބުނު ޝަކުވާއަކީ އެ ދާއިރާގެ ރައީސުންނާ އޮންނަ ގުޅުން އެއްކޮށް ކެނޑިގެންދާކަމުގެ ޝަކުވާ ކަމަށެވެ.

ނަމަވެސް އޭނާ މަގާމަށް ނުހޮވުނަސް ދާއިރާގެ ރައްޔިތުންނާ އޮންނަ ގުޅުމެއް ކެނޑިގެން ނުދާނެ ކަމަށާއި ދާއިރާއަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު އެއްވެސް ފަސްޖެހުމެއް ނެތި ރައްޔިތުންނާ އޭނާއާ ބައްދަލުކުރެވޭ ވަރަށް ގުޅުން ގާއިމުކުރާނެ ކަމަށް ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅަށް ކުރި މަސައްކަތުގެ ތެރެއިން އޭނާ ޖަލުގައި އޮންނަން ޖެހުމުންނާއި ރާއްޖެއިން ބޭރުގައި ދުވަސްތަކެއް ހޭދަކުރަން ޖެހުމުން އެމްޑީޕީގެ އާންމު މެމްބަރުންނާ ދެމެދު ވަރުގަދަ ގުޅުމެއް އުފެދިފައި ނެތް ނަމަވެސް ރަށްރަށަށް ކުރި ދަތުރުތަކުން އާންމު މެންބަރުންނާ ގުޅުން އުފެދިފައިވާކަމުގެ އިހުސާސް ކުރެވެން ފަށާފައިވާ ކަމަށެވެ.

އަދި މެދު އުތުރު ޕްރޮވިންސްގެ 32 ރަށަށް ކުރި ކެމްޕެއިން ދަތުރުތަކުގައި ޔާމީންގެ ވެރިކަން ބަދަލުކުރުމުގައާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް އަދި އެމްޑިޕީގެ ވެރިކަން ގެންނަން އޭނާ ކުރެއްވި މަސައްކަތް ރައްޔިތުން ބަލައިގެންފައިވާކަން އެނގިގެންދިޔަ ކަމަށް މަހުލޫފު ވިދާޅުވިއެވެ.