މާލެއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކެޕޭސިޓީ ނެތުމުގެ އެއްވެސް މައްސަލައެއް ދެން ދިމާ ނުވާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން މުގުނީ ވިދާޅުވީ، މީގެ ކުރިން ޕީކު ސީޒަންތަކުގައި މާލެއަށް ކަރަންޓު ފޯރުކޮށް ދިނުމަށް ކެޕޭސިޓީ ނެތުމުގެ ސަބަބުން މައްސަލަތަކެއް ދިމާވާ ކަމަށެވެ. ނަމަވެސް ހުޅުމާލެއާއި މާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމާއެކު ކެޕޭސިޓީ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް މުގުނީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކަރަންޓު ދިނުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތަކީ ސްޓެލްކޯއިން ދުރާލައި ރާވައިގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި ކުރިން މާލެއިން ކަރަންޓު ކެނޑިގެން ދިއުމުން، އަލުން ކަރަންޓު ދިނުމަށް ގިނައިރުތަކެއް ނެގި ނަމަވެސް މިހާރު، ގިނައިރު ނުވަނީސް ކަރަންޓުގެ ހިދުމަތް އަލުން ފޯރުކޮށްދެވޭ ކަމަށް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ކެޕޭސިޓީގެ މައްސަލައެއް ދެން ދިމައެއް ނުވާނެ،" މުގުނީ ވިދާޅުވިއެވެ.
ހުޅުމާލޭގައި ކަރަންޓުގެ ހިދުމަތަށް ބޭނުންވާ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި މުގުނީ ވިދާޅުވީ، އެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ދަނީ އެކަން ރޭވުމުގެ މަސައްކަތް ކަމަށާއި 2023 ވަނަ އަހަރަށް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު