ތިމާ މަރުވާ އިރު މީހުންގެ ދަރަނިތައް އަދާނުކޮށް ހުރުމަކީ ނުރައްކާތެރި އަދި ނުބައިކަން ބޮޑު ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"އިގުތިސާދު ކުރުން" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މުދާ ހޭދަކުރުމުގައި އިސްރާފު ކުރުމަކީ މާތް ﷲ ނަހީ ކުރައްވާފައިވާ ކަމެއް ކަމަށެވެ.

އަދި އިސްރާފުކުރުމުގެ ތެރޭގައި ހަރާމް ކަންތައްތަކަށާއި ވިޔާނުދާ ކަންތައްތަކަށް ބޭކާރު ގޮތްގޮތުން މުދާ ހޭދަ ކުރުމާއި ހުއްދަވެގެންވާ ކަންތައްތަކުގައިވެސް ތިމާގެ އާމްދަނީއާއި ލިބޭ މިންވަރާ އެކަށީގެންނުވާ ވަރަށް ހަރަދުކުރުން ހިމެނޭ ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، ދިވެހިންގެ ތެރެއިން އާމްދަނީއަށް ނުވަތަ ތިމާއަށް ލިބޭ އެއްޗަކަށް ބެލުމެއް ނެތި ހަރަދުތައް ކުރަމުންދާތަން މިއަދު ފެނުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ.

އެގޮތުން ޒަމާނީ ތަރައްގީއާއި ޓެކްނޮލޮޖީގެ މިޒަމާނުގައި ބައެއް މީހުން ބާޒާރަށް އަލަށް ނުކުންނަހާ އެއްޗެއް ހޯދުމާއި ދަރިންގެ ކުޅޭ އެއްޗެހި ހަލާކުވުމުގެ ކުރިން ގަނެދިނުމާއި ތިމާމެންގެ ފުދުންތެރިކަމާއި ތަނަވަސްކަން ނެތަސް، މީހުންގެ އަތުން ދަރަންޏަށް ފައިސާ ހޯދައިގެން ނުވަތަ ބޭންކުން ލޯނު ނަގައިގެން ނަމަވެސް ޟަރޫރަތެއް ނެތް ބޮޑެތި ހަރަދުތައް ކުރަމުންދިއުމަކީ އިސްރާފެއް ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ ތިމާއަށް ލިބޭ އެއްޗަކުން ދިރިއުޅުމުގެ ހަރަދުތައް ފޫނުބެދޭނަމަ، ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ތިމާގެ ބޭނުންތައް ފުއްދުމަށްޓަކައި ދަރަންޏަށް ފައިސާ ނެގުމަކީ ހުއްދަ ކަމެއް ކަމަށެވެ. ނަމަވެސް ދަރަނި އަދާކުރުމަށް އަވަސްވެގަންނަން ޖެހޭ ކަމަށް ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ، ހަޔާތަކީ ކުރު އެއްޗެއްކަމުން، މީހުންގެ ހައްގުތައް އަދާކޮށް، މީހުންގެ ދަރަނިތައް އަދާކޮށްގެން އަބަދުވެސް ތިބެންޖެހޭނެ ކަމަށެވެ. އަދި ތިމާ މަރުވާ އިރު މީހުންގެ ދަރަނިތައް އަދާނުކޮށް ހުރުމަކީ ނުރައްކާތެރި އަދި ނުބައިކަން ބޮޑު ކަމެއްކަމަށްވެސް ބުންޏެވެ.