އެމެރިކާގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ފްރީޑަމް ހައުސް އިން ނެރޭ ދުނިޔޭގެ އިންޓަނެޓް ފްރީޑަމް ލިސްޓުގެ ފުލުގައި މިއަހަރުވެސް ޗައިނާ ހިމެނިއްޖެއެވެ.
މިދިޔަ ހަތް އަހަރުވެސް ޗައިނާ އޮތީ އެ ލިސްޓުގެ އެންމެ ފުލުގައެވެ. ނަމަވެސް ޗައިނާއިން އަތްގަދަކުރަން މަސައްކަތް ކުރާ ޓައިވާނުން ވަނީ، ލިސްޓުގެ ފަސް ވަނައިގައި ހިމެނިފައެވެ. މިއީ އެ ލިސްޓުގައި ޓައިވާން ހިމެނި ފުރަތަމަ ފަހަރެވެ.
ޓައިވާނުގެ އިތުރުން މިއަހަރުގެ ލިސްޓުގައި ހަ ގައުމެއް އަލަސް ހިމަނާފައިވެއެވެ. އެއީ ކޯސްޓަ ރީކާ، ގާނާ، އިރާގު، ނިކަރަގުއާ އަދި ސާބިއާއެވެ.
ލިސްޓުގެ ފަސް ވަނަ ޓައިވާނަށް ލިބުނީ، ހިޔާލު ފާޅުކުރުން ހިމާޔަތްކޮށްދޭނެ މިނިވަން ޖުޑީޝަރީއެއް އޮތުމާއި، ބްލޮކް ކޮށްފައިވާ ވެބްސައިޓުތައް މަދުވުމުގެ އިތުރުން އަގު ހެޔޮ އަދި ފަސޭހައިން އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭތީއެވެ.
މި ކަންކަމާ ގުޅިގެން ޓައިވާން ހިމެނިފައިވަނީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެއްވަނައިގައެވެ. ދުނިޔޭގެ އެއްވަނަ ލިބުނީ އައިސްލެންޑަށެވެ.
ފްރީޑަމް ހައުސް އިން ބުނީ، ޗައިނާއަކީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އިންޓަނެޓުގެ މިނިވަންކަމަށް އެންމެ ފާޅުގައި ދެކޮޅު ހަދާ ގައުމު ކަމަށެވެ. އެގޮތުން އޮންލައިންގައި ހިޔާލުފާޅުކުރާ މީހުންނަށް ޖަލު ހުކުމް އިއްވަމުން އަންނައިރު، މިނިވަން ނޫސްވެރިކަމަށްވެސް އެގައުމުން ހުރަސް އަޅާފައިވާ ކަމަށް ބުންޏެވެ.
އޭގެ އިތުރުން ކޮވިޑް-19އާ ގުޅޭ މައުލޫމާތުތައްވެސް ސިއްރު ކުރަމުންދާ އިރު، ރައްޔިތުން މުވާސަލާތު ކުރުމުގައިވެސް މިނިވަންކަމެއް ނެތް ކަމަށް ބުނެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ