ކުޅިވަރު

ބާސާއަށް ޕޮއިންޓެއް، ކޯމަންއަށް ޕްރެޝަރު ބޮޑުވެ ރެފްރީއަށް ހޫނު ހަމަލާތަކެއް

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއިން ކާޑިޒްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވެގެން ނިމުނު އިރު، ކޯޗު ރޮނާލްޑް ކޯމަންއަށް އިތުރު މާޔޫސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ.

ރޭގެ މެޗު 0-0 އިން އެއްވަރު ވެގެން ނިމުނު އިރު، މެޗުގެ ފަހު 25 މިނެޓު ބާސާއަށް ކުޅެން ޖެހުނީ ކުޅުންތެރިޔަކު މަދުންނެވެ. ފްރޭންކް ޑިޔޯންގަށް ރެފްރީ ދެއްކި ރަތްކާޑާ އެކު ބާސާއަށް އުނދަގޫތަކެއް ދިމާވެފައިވާ އިރު، ނިންމުންތަކަށް ޝަކުވާކުރުމުން މެޗުގެ ފަހު މިނެޓުގައި ކޯމަންވެސް ވަނީ ބެންޗުން ފޮނުވާލައިފައެވެ.

މިހާތަނަށް ލީގުގައި ކުޅުނު ފަސް މެޗުން ބާސާއަށް މޮޅު ވެވިފައިވަނީ އެންމެ ދެ މެޗުންނެވެ. އެ ނަތީޖާތަކާ އެކު ކޯޗު ކޯމަންއަށް މީޑިއާ އިން ބޮޑު ޕްރެޝަރެއް ކުރަމުންދާ އިރު، ކޯމަން ވަނީ މިދިޔަ ހަފުތާ މީޑިއާއަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔައިފައެވެ. ސްޓޭޓްމަންޓެއް ނެރެ، މީޑިއާ އިން އޭނާއަށް ފުރައްސާރަ ކުރާ ކަމަށް ކޯމަން ބުނެފައިވާ އިރު، ރޭގެ މެޗަށްފަހު ރެފްރީންނަށްވެސް ކޯމަން ވަނީ ފާޑު ކިޔައިފައެވެ.

"ސްޕެއިންގެ ފުޓުބޯޅައިގެ އެންމެ ބޮޑު އެއް މައްސަލައަކީ ކަމަކުން ކަމަކާނުލައި ރަތް ކާޑު ދެއްކުން. ރޭގެ މެޗުގައިވެސް އެކަންވީ އެގޮތަށް. އެއްވެސް ކަހަލަ ބެލުމެއް ނެތި، އަހަރެންވެސް ފޮނުވާލީ އެޓިޓިއުޑް މައްސަލައެއް ކަމަށް ބުނެ. އަހަރެން މިހުރީ ވަރުގަދަކޮށް، އަހަންނަށް އެނގޭ މީޑިއާއާ ކުރިމަތިލައިގެން ކާމިޔާބެއް ނެތް ކަމަށް. އަހަރެންގެ ހަކަތަ ދެން ބޭނުންކުރާނީ ޓީމުގެ ކަންކަމަށް. އަހަރެންގެ ޓީމަށް އިތުބާރު އެބައޮތް، އަހަރެމެން އެކުގައި ކަންކަން ހައްލުކުރާނަން،" ކޯމަން ބުނެފައިވެއެވެ.

ބާސާއިން މި ސީޒަނަށް ތައްޔާރުވީވެސް އުނދަގޫތަކަކާ އެކުގައެވެ. ފައިސާގެ ބޮޑެތި މައްސަލަތަކެއް ދިމާވެ، ކުލަބުގެ ކުޅުންތެރިންގެ މުސާރަތައްވެސް ބޮޑުތަނުން ކުޑަކުރަން ޖެހިފައިވާ އިރު، ކޮންޓްރެކްޓުއާ ނުކުރެވި ކުލަބުގެ ކެޕްޓަން ލިއޮނެލް މެސީވެސް ވަނީ ކުލަބު ދޫކޮށްލައިފައެވެ. އެ މައްސަލަތަކުގެ ތެރެއިން ސީޒަނަށް ކޯޗު ކޯމަން ކުރިމަތިލީ ތަޖުރިބާ މަދު، ޒުވާން ސްކޮޑަކާ އެކުގައެވެ. އެއީ ކޯމަންއަށް ކުރިމަތިވާ އެންމެ ބޮޑު ޗެލެންޖެވެ.