ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ސެކިއުރިޓީ ހަމަޖައްސަވައިދެއްވުމަށް އޭނާ އެދިވަޑައިގެންނެވުމުން ރައްޔިތުންގެ މަޖިލީހުން ޑިފެންސް މިނިސްޓްރީއަށް އެކަން އަންގައިފިއެވެ.
ރައްޔިތުން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރުގެ ހަސަން ޒިޔާއު މިއަދު "ވަން" އަށް ވިދާޅުވީ ޖާބިރަށް ސެކިއުރިޓީ ހަމަޖައްސަވައިދެއްވުމަށް އޭނާ މަޖިލީހުގައި އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން އޭނާއަށް ސެކިއުރިޓީ ހަމަޖައްސަވައިދެއްވުމަށް ޑިފެންސް މިނިސްޓްރީގައި އެދިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
ޖާބިރަށް ސެކިއުރިޓީ ހަމަޖައްސައިދިނުމަށް އޭނާ އެދިވަޑައިގެންފައި މިވަނީ، އޭނާ އއ. މަތިވެރިއަށް ވަޑައިގަތުމުން އޭނާއަށް އެރަށުން ހަމަލާދިން މައްސަލައިގައެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ ޖާބިރު މަތިވެރިއަށް ވަޑައިގަތުމުން އެރަށު ޒުވާނުންތަކެއް ނުކުމެ އޭނާ އަށް ވަނީ ހަމަލާދީފައެވެ. އަދި ޖާބިރު ވަނީ ފުލުހުންގެ ހިމާޔަތަށްވެސް އެދިވަޑައިގެންފައެވެ.
ޖާބިރަށް މަތިވެރިން ހަމަލާދިން މައްސަލައިގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އެ ރޭ ދެ މީހަކު ހައްޔަރުކޮށްފައެވެ. އެއީ 19 އަހަރުގެ މީހަކާއި 42 އަހަރުގެ މީހެކެވެ.
އެ މައްސަލައާ ގުޅޭގޮތުން "ވަން" އަށް މައުލޫމާތުދެއްވަމުން މަތިވެރި ކައުންސިލުގެ ރައީސް އަހުމަދު އަސްލަމް ވިދާޅުވީ ޖާބިރު އެރަށަށް ދިއުމުން އެރަށުގެ ރައްޔިތުން، އެމީހުންގެ ޝުއޫރުތައް ފާޅުކޮށްފައިވާ ކަމަށެވެ.
އަސްލަމް އިތުރަށް ވިދާޅުވީ، 2017 އިން ފެށިގެން މިހާތަނަށް ކައުންސިލަށް ކުލީގެ ގޮތުގައި ޖާބިރު ދައްކަންޖެހޭ ފައިސާގެ ތެރެއިން 4.7 މިލިއަން ރުފިޔާ ދައްކާފައި ނުވާ ކަމަށެވެ. އަދި އެއީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މިނިސްޓަރު ކަމުގައި ކައުންސިލުގެ ހުއްދަނެތި ޖާބިރަށް ދީފައިވާ ކައުންސިލުގެ ބިމެއް ކަމަށެވެ. އެ ބިމުގައި "ތާޒާ މިއާ" ނަމަކަށް ކިޔާ ގެސްޓް ހައުސްއެއް ހިންގަމުންދާ އިރު، އެއީ 2100 އާއި 2500 އާ ދެމެދުގެ އަކަފޫޓު ބިމެއް ކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން "ވަން" އިން ސުވާލުކުރުމުން ޖާބިރު ވިދާޅުވީ އެ ހިންގީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ. އަދި އޭނާ ކައުންސުލަށް ދޭންޖެހޭ ފައިސާއެއް ނޯންނާނެ ކަމަށާއި ކައުންސިލަށް އެފަދަ އެގްރީމެންޓެއްވެސް ދެއްކިފައިނުވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ އައިސިސްގެ މެންބަރުން މަތިވެރީގައި އުޅޭ ކަމަށާއި އޭނާއަށް ހަމަލާދީފައިވަނީވެސް އެ ފިކުރުގެ މީހުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު