ތ. ތިމަރަފުށި އެއާޕޯޓް ކެފޭ ހިންގުމުގެ އެއްބަސްވުން އުވާލި މައްސަލައިގައި 1.7 މިލިއަން ރުފިޔާގެ ބަދަލެއް އަމިއްލަ ކުންފުންޏަކަށް ދައްކަން މޯލްޑިވިއަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ތިމަރަފުށި އެއާޕޯޓް ކެފޭ ހިންގުމުގެ އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އާއި ސެކުއާ ގްރީން ޕްރައިވެޓް ލިމިޓެޑާ އެކު 2017 ގައި އެއްބަސްވުމެއްގައި ސޮއިކުރި އެވެ. 2019 ވަނަ އަހަރު ސެކުއާ ގްރީން ޕްރައިވެޓް ލިމިޓެޑް ކުންފުނިން އެދިގެން އެ އެއްބަސްވުން ވަނީ އުވާލައިފަ އެވެ.
ސެކުއާ ގްރީން ޕްރައިވެޓް ލިމިޓެޑުން ކެފޭ ހިންގަން ކުރި ހަރަދުގެ ބަދަލު ދޭން ވަނީ މޯލްޑިވިއަންގައި އެދިފަ އެވެ. ނަމަވެސް އެ ފައިސާ މޯލްޑިވިއަން އިން ދީފައެއް ނުވެ އެވެ.
މޯލްޑިވިއަން އިން ފައިސާ ދޭން ދެކޮޅު ހެދުމުން ސެކުއާ ގްރީން ޕްރައިވެޓް ލިމިޓެޑުން ވަނީ މައްސަލަ ސިވިލްކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ ބެލުމަށްފަހު ސިވިލްކޯޓުން ކުރި ހުކުމުގައި ބުނީ، އެއާޕޯޓް ކެފޭ ތަރައްގީ ކޮށް ހިންގުމުގެ އެއްބަސްވުން ނިމުމަކަށް ގެންނަ ހާލަތުގައި، އެ ތަނަށް ކޮށްފައިވާ ހަރަދުތައް އަނބުރާ ދޭން ޖެހޭނެ ކަން އެއްބަސްވުމަށް ބެލުމުން އެނގޭ ކަމަށެވެ. އަދި އެތަނުގައި ގެންގުޅުނު ސާމާނުތައް ހިމެނޭ ގޮތުން ބަދަލު ދޭން ޖެހޭނެ ކަމަށާއި އެހެން ވެ، އެތަނުގެ އިމާރާތާއި ގެންގުޅުނު ސާމާނުގެ ބަދަލުގެ ގޮތުގައި 1.7 މިލިއަން ރުފިޔާއަކީ އެކަށީގެން ވާ އަދަދެއް ކަމަށެވެ.
އެއްބަސްވުމުގެ ދަށުން ސެކުއާ ކުންފުނިން ދައްކަން ޖެހޭ ކުލި ދައްކާފައި ނުވާ ކަމަށް މޯލްޑިވިއަން އިން ބުންޏަސް، ނުލިބި އޮތީ ކިހާ މުއްދަތެއްގެ ކުލި ކަން ބުނެދެވިފައި ނުވާ ކަމަށާއި އަދި އެ ފައިސާ ނަގައިދިނުމަށް މޯލްޑިވިއަން އިން އެދިފައި ނުވާތީ އެކަމާ މެދު ގޮތެއް ނުނިންމޭނެ ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.
ހުކުމުގައި މޯލްޑިވިއަން އަށް އަންގާފައި ވަނީ ތިން މަސް ތެރޭގައި 1.7 މިލިއަން ރުފިޔާ ކޯޓަށް ދެއްކުމަށެވެ. މި މައްސަލަ ބެއްލެވީ ގާޒީ އަލީ ނަސީރު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު