ހިޔާ ފުލެޓުތަކުގައި ސީސީޓީވީ ހަރުކުރާނެ ބަޔަކު ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން ) އިއުލާނު ކޮށްފި އެވެ.

އެޗްޑީސީން އިއްޔެ ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފުލެޓުތަކުގައި ހަރުކުރާނެ ސީސީޓީވީ ކެމެރާ ހޯދައި އެ ހަރުކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ކުރިން ބިޑު ހުށަހެޅުމަށް އެދޭ ކަމަށެވެ.

އެޗްޑީސީން ބުނީ ބިޑު ސެކިއުރިޓީގެ ގޮތުގައި 50،000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ޕްރީ ބިޑު ބައްދަލުވުން މިމަހުގެ 29 ވަނަ ދުވަހު އޮންނާނެ ކަމަށާއި ބިޑު ހުޅުވުން އަންނަ މަހުގެ 17 ވަނަ ދުވަހު އޮންނާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

ހިޔާ ފުލެޓުތައް ލިބުނު މީހުންނަށް ފުލެޓުތައް ހަވާލުކުރުމުގެ އެންމެ ފަހުގެ މަރުހަލާ ކުރިއަށް ގެންދާއިރު ފުލެޓު ހަވާލު ކުރި ބައެއް މީހުން ވަނީ ފިނިޝިންގެ މަސައްކަތް ނިމުނު ވަރަކަށް ނިންމައި އެތަނުގައި ދިރިއުޅެން ފަށައިފަ އެވެ. ނަމަވެސް އެ ސަރަހައްދުން ވައްކަން ކުރާ ކަމުގެ ޝަކުވާ އާއި މައްސަލަތައް ވަނީ އިންތިހާ އަށް އިތުރުވެފަ އެވެ.