އިނގިރޭސި ލީގު ކަޕް، ކަރަބޯއާ ކަޕްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ އާސެނަލާއި ޗެލްސީ އަނެއް ބުރަށް ދަތުރު ކޮށްފައިވާއިރު، ވެސްޓް އަތުން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް މުބާރާތުން ކަޓައިފިއެވެ.

އާސެނަލް އިން ރޭ ކުޅުނު މެޗުގައި 3-0 އިން ވިމްބަލްޑަން ބަލިކުރިއިރު، ޗެލްސީން އެސްޓަން ވިލާ ކައިރީ މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. ޗެލްސީން ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ޗެލްސީން ޕެނަލްޓީ ޖަހައިގެން 4-3 އިން އެސްޓަން ވިލާ ބަލިކޮށްފައިވާއިރު، މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވެސްޓްހަމް ޔުނައިޓެޑް އަތުން ބަލިވީ 1-0 އިންނެވެ.

ރޭ ޔުނައިޓެޑުން ވެސްޓްހަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސްޓްހަމްގެ ގޯލު ކާމިޔާބު ކޮށްދިނީ މެނުއަލް ލަންޒީނީ އެވެ. މެޗުގައި ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތުގައި، ދެވަނަ ހާފްގައި ބްރޫނޯ ފެނާންޑޭސް އާއި މޭސަން ގްރީންވުޑް ކުޅެން އެރުވި ނަމަވެސް ވެސްޓްހަމްގެ ގޯލުގައި ހުރި އަލްފަންސޯ އަރެއޯލާ ކައިރިން ގޯލެއް ޖެހޭގޮތެއް ނުވިއެވެ. ވެސްޓްހަމްއަށް ދެވަނަ ގޯލެއް ޖަހައިދޭން މާކް ނޯބަލް އާއި އެންޑީ ޔާމޮލެންކޯ އަށް ހުސް ފުރުސަތުތަކެއް ލިބުނުއިރު، ބޭނުމެއް ނުކުރެވުނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޗެލްސީން ޓިމޯ ވާނާގެ ގޯލުން ލީޑުނަގާފައިވަނިކޮށް އެސްޓަން ވިލާ އަށް އެއްވަރުކޮށްދިނީ ޒުވާން ފޯވާޑް ކެމަރަން އާޗާއެވެ. މެޗު 1-1 އިން ނިމުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

ޗެލްސީން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ ބެން ޗިލްވެލްގެ ޕެނަލްޓީއެވެ. ޗެލްސީގެ ރޮމެލޫ ލުކާކޫ، މޭސަން މައުޓް އަދި ރޮސް ބާކްލޭ ވަނީ ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ. އެސްޓަން ވިިލާއިން ޕެނަލްޓީ ކާމިޔާބުކުރީ އަންވަރު އެލްގާޒީ، އެޒްރީ ކޮންސާ އަދި އެމީ ބުއެންޑީއާ އެވެ. އެ ޓީމުގެ އެޝްލީ ޔަންގާއި ނަކަމްބާ ޖެހި ޕެނަލްޓީ ކާމިޔާބެއް ނުވިއެވެ.

ވިމްބަލްޑަން ކޮޅަށް އާސެނަލްގެ ގޯލުތައް ޖެހީ އަލެކްސަންޑަ ލަކަޒޭޓް، އެމީލް ސްމިތު ރޯވް އަދި އެޑީ އެންކެޓިއޭ އެވެ.