ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރުގެ ސުލޫކީ މައްސަލަ ސާބިތުވުމުން ސުލޫކީ ފިޔަވަޅެއްގެ ގޮތުގައި މެޖިސްޓްރޭޓްގެ މަގާމަށް ދަށްކުރަން ޖުޑިޝަލް ސާވިސް ކޮމިޝަނު (ޖޭއެސްސީ) އިން ނިންމައިފިއެވެ.

އެ ކޮމިޝަނުން މިއަދު ބުނީ ސިވިލް ކޯޓުގެ ދެ ގަޒިއްޔާއެއްގައި ހިމެނޭ ދެ ހަސްމުން އެ ދެ މައްސަލަ އެއްކޮށް ނިންމުމަށް އެދެމުން ދަނިކޮށް އޭގެ ތެރެއިން އެއް ގަޒިއްޔާ އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތު ނެތްކަމަށް ކަނޑައަޅައި އަލީ ނަސީރު އެ ގަޒިއްޔާގެ ދައުވާ ފޯމު ބާތިލުކޮށް ހުކުމްކޮށްފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ އެ ގަޒިއްޔާގެ މައުލޫއަށް ހުކުމްކުރުމުގެ ބަދަލުގައި އަހަރު ދުވަސްވެފައިވާ މައްސަލައެއް ގާޒީގެ ސެކްޝަނުގައި ނުބޭއްވުމުގެ މަގުސަދުގައިކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

ކޮމިޝަނުން ބުނީ ކޯޓަށް ހުށަހެޅިފައިވާ ކަންކަމާމެދު ފައިސަލާކޮށް ގޮތެއް ނިންމުމުގެ ބަދަލުގައި ވަކި މުއްދަތެއްވީ މައްސަލައެއް ފަނޑިޔާރުގެ އަތުގައި ނުބޭއްވުމުގެ މަގުސަދުގައި މައްސަލައިގެ ހަސްމުން އެދިފައި ނުވާ ގޮތެއްގެ މައްޗަށް މައްސަލައިގައި ހުކުމްކޮށް މައްސަލަ ކޯޓުން ނުބަލައި ބޭރުކުރުމަކީ އަދުލު އިންސާފު ގާއިމުކުރުމުގެ އަސާސީ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި އެއީ ފަނޑިޔާރުގޭގެ މުގައްދަސްކަމާއި އިތުބާރަށް އެކަމުގެ ސަބަބުން އަސަރުކޮށް ނާޖާއީޒު ގޮތުގައި ކޯޓުގެ ނިންމުންތައް ބޭނުން ހިފުމުގެ ފުރުސަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ހުޅުވިގެންދާފަދަ ކަމެއް ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

ގާޒީ ނަސީރު އެގޮތަށް އަމަލުކުރެއްވުމުން ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 3.1 ވަނަ ނަމްބަރާ ހިލާފުވެފައިވާ ކަމަށް ޖޭއެސްސީއިން ވަނީ ނިންމައިފައެވެ.

ޖޭއެސްސީން ބުނީ އެ މައްސަލައިގައި ތަހުގީގުގެ ހޯދުންތަކަށް ރިއާޔަތްކޮށް އަލީ ނަސީރަށް އަޅާ ފިޔަވަޅެއްގެ ގޮތުން އޭނާ ހުރި މަގާމަށްވުރެ ދަރަޖަ ދަށްކުރުމުގެ ގޮތުން މެޖިސްޓްރޭޓް ކަމުގެ މަގާމަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ގާޒީ އަލީ ނަސީރުގެ އިތުރު މައްސަލައެއްވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އެގޮތުން ރިހިވެލި ބީޗް ރިސޯޓްގެ ސަބްލީސް އެއްބަސްވުމާ ގުޅޭ ގޮތުން ގާޒީ އަލީ ނަސީރު އިއްވި ހުކުމެއްގެ މައްސަލަ ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.