އައްޑޫ ސިޓީ ފުލެޓު ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

އުމުރުން 29 އަހަރުގެ އެ ފިރިހެން މީހާ ޒަހަމް ކޮށްލާފައި ވަނީ މިދިޔަ ހަފުތާގެ ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ހަމަލާގައި އޭނާގެ ބޮލަށް އަނިޔާތަކެއް ލިބުނު ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުންޏެވެ.

އެ ހަމަލާދިންތާ ފަސް ދުވަސް ފަހުން ފުލުހުން މިއަދު ބުނީ، އެ މައްސަލައާ ގުޅިގެން 31 އަހަރުގެ މީހަކު ރޭގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ބުންޏެވެ.

އައްޑޫގައި ދެ ގުރޫޕެއްގެ ދެމެދު ހިންގަމުން އަންނަ މާރާމާރީތަކުގައި މިދިޔަ ހުކުރު ދުވަހު ދެމަފިރިއަކަށްވެސް ވަނީ ހަމަލާދީފައެވެ. އެ މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރެއެވެ.