ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ކ. ފުށިދިއްގަރުފަޅު ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅޭ ގޮތުން އޭރުގެ ފިނޭންސް މިނިސްޓަރު އަދި ފަހުން ނައިބު ރައީސަކަށް ހުންނެވި އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ކޮރަޕްޝަން ދައުވާ ކުރީ، އެކަމާ ބެހޭ ގޮތުން ސިންގަޕޫރު އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލަ ސަރުކާރަށް ކާމިޔާބު ކުރަން ކަމަށް ޖިހާދު ވިދާޅުވެއްޖެއެވެ.
ޖިހާދު މިހެން ވިދާޅުވީ، ކްރިމިނަލް ކޯޓުގައި މިއަދު އޮތް އެ މައްސަލައިގެ އަޑުއެހުމުގަ އެވެ.
ރިޔާސީ ކޮމިޝަނުން ތަހުގީގުކޮށް، އެ މައްސަލައިގައި ޖިހާދުގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާއެވެ.
ޖިހާދު މިއަދު ވިދާޅުވީ، އޭނާގެ މައްޗަށް ދައުވާ ކުރީ އާބިޓްރޭޝަން ސަރުކާރަށް ކާމިޔާބު ކުރުމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު އެސެޓް ރިކަވަރީ ކޮމިޝަނަށް ނުފޫޒު ފޯރުވައިގެން ކަމަށެވެ.
ޖިހާދު ފިނޭންސް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އިރު، ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާ، ޖޮއިންޓް ވެންޗާ އެގްރީމަންޓެއް ހަދަން ނިންމި ނަމަވެސް، އެއަށް ވުރެ ކުޑަކޮށް ސަރުކާރު ހިއްސާ އޮންނަ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެކު ސޮއިކުރި އެވެ.
އެ އެއްބަސްވުމާ ސަރުކާރުން ހިލާފު ވެފައިވާ ކަމަށް ބުނެ ޕްރައިމް ކެޕިޓަލްގެ ފަރާތުން އެ މައްސަލަ ސިންގަޕޫރު އާބިޓްރޭޝަނަށް ހުށަހެޅިއެވެ.
ޖިހާދު މިއަދު ވިދާޅުވީ، އެ އާބިޓްރޭޝަން ސަރުކާރަށް ކާމިޔާބު ކުރުމަށް، އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުކުރުން މުހިއްމު ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ ފުށިދިއްގަރު ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޓަކައި ސަރުކާރުގެ 50 ޕަސެންޓު ހިއްސާވާ ގޮތަށް ޖޮއިންޓު ވެންޗާ އެއްބަސްވުމެއް ހެދުމަށް ނޮވެމްބަރު 29، 2011 ގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެ ނިންމުމުގައި އޮތީ އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދު ކުރަން ނުޖެހޭ ގޮތަށާއި އެ މަޝްރޫއުގެ ބިމު ކުލި ދައުލަތަށް ލިބެން ޖެހޭނެ ކަމަށެވެ.
ނަމަވެސް ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޖިހާދު އެ ރަށުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ކަނޑައެޅިގެން ހިލާފަށް ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
އެ އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ހިލާފު ވާން ޖެހޭ ސަބަބެއް ނެތި ޖިހާދު، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ސޮއިކުރެއްވީ 50 ޕަސެންޓުގެ ބަދަލުގައި ދިވެހި ދައުލަތުގެ 25 ޕަސެންޓު ހިއްސާ އޮންނަ ގޮތަށް ޖޮއިންޓު ވެންޗާ ކުންފުންޏެއް ހެދުމަށް ކަމަށެވެ.
"އަބްދުﷲ ޖިހާދުގެ މި އަމަލުގެ ސަބަބުން ރައްޔިތުންނާއި ދައުލަތަށް ލިބެން އޮތް ފައިދާ އިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައި ވެސް 604،713،750 ޑޮލަރު އުނިވެފައިވެ އެވެ. މީގެ އިތުރުން ދައުލަތުގެ 50 ޕަސެންޓު ހިއްސާގެ ބަދަލުގައި 25 ޕަސެންޓަށް ހިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާއިން ލިބޭނެ ގެއްލުން ވެސް އޮންނާނެ އެވެ،" ޕީޖީން ކުރިން ބުނެފައިވެ އެވެ.
ވަޒީރުންގެ މަޖިލީހުން ނިންމެވި ގޮތުން ނަމަ، ބިމު ކުލިން 50 އަހަރުގެ ތެރޭގައި 411،720،000 ޑޮލަރު އަދި ޕްރައިމް ލޮކޭޝަން ޗާޖު، 50 އަހަރުގެ ތެރޭގައި 192،993،750 ޑޮލަރު ލިބޭނެ އެވެ. ނަމަވެސް ޖިހާދު އަމަލު ކުރެއްވި ގޮތުން އެ ފައިދާ ނުލިބި ދައުލަތަށް ބޮޑު ގެއްލުމެއް ވަނީ ލިބިފައި ކަމަށް ޕީޖީން ބުނެފައިވެ އެވެ.
މިމައްސަލައިގެ ދައުވާ ކްރިމިނަލް ކޯޓުގައި ފެށީ، މިދިޔަ ޑިސެމްބަރު މަހުގެ 24 ގައެވެ.