ގިނަ ދަރިވަރުންތަކެއްގެ ލޯތްބާއި އިހުތިރާމް ހޯއްދަވައިފައިވާ، ސީއެޗްއެސްއީގެ އިސްލާމް ޓީޗަރު ސުއޫދު މުހައްމަދު ފުޅު (ސޫދު ސަރ) ނިޔާވެއްޖެ އެވެ.
ސީއެޗްއެސްއީ އަށް 19 އަހަރު ހިދުމަތްކޮށްދީފައިވާ ސޫދު ސާ ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައި ކުއްލި ގޮތަކަށެވެ.
އުމުރުން 52 އަހަރުގެ ސޫދު ސަރގެ ގާތް މީހަކު "ވަން" އަށް ބުނީ ރޭ ނިދާފައި އޮއްވައި ކުއްލިއަކަށް ނޭވާލާން އުނދަގޫ ވެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި ނިޔާވީ ފަރުވާ ދެމުން އަންނަނިކޮށް ކަމަށެވެ.
ސޫދު ސަރގެ ފަރާތުން ފާއިތުވި ދުވަސްތަކުގައި އާދަޔާ ހިލާފު ކަމެއް ފާހަގަ ވެފައި ނުވާ ކަމަށާއި އިއްޔެވެސް ވަޒީފާއަށް ނިކުތް ކަމަށް އޭނާ ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސޫދު ސަރ ނިޔާވުމަކީ މުޅި އެޑިއުކޭޝަން ދާއިރާ އަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.
ސޫދު ސަރ ނިޔާވި އިރު ހުންނެވީ ސީއެޗްއެސްއީގެ އިސްލާމް ޑިޕާޓުމަންޓުގެ ހެޑްގެ މަގާމުގަ އެވެ. އަދި އިސްލާމިކް ޔުނިވަސިޓީގެ ޕާޓް ޓައިމް ލެކްޗަރާއެއްގެ ވަޒީފާވެސް ގެންދެވީ އަދާކުރައްވަމުންނެވެ.