ކުޅިވަރު

ބާސާ ބަލިނުވެ ސަލާމަތްވީ ކިރިޔާ، ކޯމަން ޕްރެޝަރުގައި

ސްޕެނިޝް ލަލީގާގައި ބާސެލޯނާއިން ރޭ ގްރެނާޑާއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމުނުއިރު، އަނެއްކާވެސް މޮޅެއް ނުހޯދި ކޯޗު ރޮނާލްޑް ކޯމަން ބޮޑު ޕްރެޝަރަކަށް ވެއްޓިއްޖެއެވެ.

ބާސާއިން އެންމެފަހުން ޗެމްޕިއަންސް ލީގުގައި ބަޔާންއާ ދެކޮޅަށް ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ރޭގެ މެޗަށް ނުކުތްއިރުވެސް ކޯޗު ކޯމަން އަށް އޮތީ މަގާމުގެ ޕްރެޝަރާ ކުރިމަތިލާން ޖެހިފައެވެ. ރޭގެ މެޗުގައި ބާސާގެ ކުޅުން ދަށްކޮށް ފެނިފައިވާއިރު، މެޗުގައި ބާސާއިން ޖެހި ގޯލަކީ ފަހު މިނެޓު ރޮނާލްޑް އަރޫހޯ ޖެހި ގޯލެކެވެ.

އަމިއްލަ ދަނޑުގައި ބާސާއިން ކުޅުނު މި މެޗުގައި ފެނުނު ކުޅުމަށް މިހާރުވެސް ނޫސްވެރިންގެ ފާޑު ކިޔުން ކޯޗު ކޯމަން އަށް އަމާޒު ވެފައިވާއިރު، މެޗަށްފަހު ނޫސްވެރިންނަށް ޖަވާބުދާރީވިއިރު، ކޯޗު ކޯމަން ހުރީ ރުޅިގަދަވެފަ އެވެ.

"އަހަރެމެންގެ ކުޅުމަށް ބަދަލުތަކެއް ގެނައީ ތިބި ކުޅުންތެރިންނަށް ބަލާފައި. މެޗުގައި ޓިކީޓަކާ އަށް ފުރުސަތު ފަހިވެފައެއް ނެތް. އަހަރެމެންގެ ކުޅުންތެރިންނަކަށް ނުލިބޭ ޓިކިޓަކާ ކުޅުމަށް ޖާގައެއް. އަހަރެމެން ޓީމުގައި ނެތް ވަން އޮން ވަން ތަކުގައި މަސައްކަތް ކޮށް، ކުޅުންތެރިން ބާރު ސްޕީޑުގައި ބީޓު ކޮށްފައި ދެވޭނެ ވަރުގެ ކުޅުންތެރިންނެއް. މިވާހަކަ އިތުރަށް ދެއްކޭކަށް ނެތް. ކޮންމެ ކަމެއްގައި ޖަދަލުކުރުމެއް ނެތް،" މެޗަށްފަހު ކޯމަން ބުނެފައިވެ އެވެ.

ލަލީގާގެ ސީޒަންގައި ފުރަތަމަ މޮޅަކަށް މަސައްކަތް ކުރަމުންދިޔަ ގްރެނާޑާއިން ރޭގެ މެޗުގެ ދެވަނަ މިނެޓުގައި ވަނީ ލީޑު ނަގައިފައެވެ. ޑޮމިންގޯސް ޑޫއާޓޭގެ ގޯލާއެކު ގްރެނާޑާއިން މެޗުގެ ލީޑު ނެގި ނަމަވެސް އެޓީމަށް މެޗުން ތިން ޕޮއިންޓް ގެއްލުން ވެގެން ދާނީ މާޔޫސް ކަމަކަށެވެ.

ބާސާއިން މިހާތަނަށް ލަލީގާގައި ކުޅުނު ހަތަރު މެޗުންވެސް ބަލިވެފައި ނުވާއިރު، އެޓީމު މިވަގުތު އޮތީ ހަތްވަނައިގައެވެ. އެއީ އަށް ޕޮއިންޓާ އެކުގައެވެ. ގްރެނާޑާ އަދިވެސް ތިން ޕޮއިންޓާއެކު އޮތީ 17 ވަނައިގައެވެ.