ކޮވިޑު-19ގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ރާއްޖެއިން ކާމިޔާބީއާ ހަމައަށް އާދެވިފައިވާ ކަމަށާއި ނަމަވެސް އިގުތިސޯދަށް މިކަމުގެ ސަބަބުން ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި ދެއްކެވި ވަހަކަފުޅުގަ އެވެ.
މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ، އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ބައްދަލުވުމުގެ ހަވާސާގަ އެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ އިއްޔެ އދ. ގެ މައި އިދާރާގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ އާ ދައުރަކަށް އެންޓޯނިއޯ ގުޓާރޭޒް އިންތިހާބުވެ ވަޑައިގެންނެވުމާ ގުޅިގެން މަރުހަބާ ވިދާޅުވެ، ދުނިޔޭގެ މަޝްރަހު މިހާ ހަލަބޮލި ދުވަސްވަރެއްގައި އެމަނިކުފާނު ދައްކަވާ ލީޑާޝިޕަށް ތައުރީފު ކުރައްވާފަ އެވެ.
ކޯވިޑް-19 ރެސްޕޮންސް އެންޑް ރިކަވަރީ ފަންޑު އުފައްދަވާފައިވާކަން ފާހަގަކުރައްވައި، ރައީސް ސޯލިހު ވަނީ އޭގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކަށް އަދި ވަކިން ހާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ އެހީތެރިކަން މިފަންޑުގެ ސަބަބުން ލިބިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ކޯވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމުގައި ރާއްޖެއިން ކާމިޔާބީއާ ހަމައަށް އާދެވިފައިވާ ކަން ފާހަގަކުރައްވަމުން، މި ބަލި ކޮންޓްރޯލްކުރުމަށް ސަރުކާރުން އަޅަން ޖެހުނު ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ވަރަށް ބޮޑު ގެއްލުމެއް ލިބިގެންދިޔަކަން ފާހަގަ ކުރައްވާފަ އެވެ. އަދި ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ސިއްހީ ކުއްލި ހާލަތު މެނޭޖު ކުރުމަށް ހޭދަކުރަން ޖެހުނުކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.
ރައީސް ސޯލިހު ވަނީ ރާއްޖޭގައި ކޮވިޑު ކޮންޓުރޯލް ކުރުމަށް ގައުމީ ފެންވަރުގައި ކުރަމުން އަންނަ މަސައްކަތްތާއި ރާއްޖޭގައި ވެކްސިން ދެވޭ އާބާދީގެ އެންމެންނަށް ވެކްސިން ދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ މައުލޫމާތު ސެކްރެޓަރީ ޖެނެރަލާ ހިއްސާ ކުރައްވާފަ އެވެ.
އެގޮތުން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް ފަށާފައިވާ ކޯވެކްސް ޕްރޮގްރާމު ފަދަ މުހިންމު މަސައްކަތްތަކަށް އެއްބާރުލުން ދީ، ހުރިހާ ގައުމުތައް އެކުގައި މަސައްކަތްކޮށް، ކޮވިޑު ޕެންޑެމިކް ނިމުމަކަށް ގެނައުމަށް މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ މުޅިދުނިޔެއިން މިހާރު ކުރިމަތިލާން ޖެހިފައިވާ ކޮވިޑް-19ގެ ޕެންޑަމިކްގެ ތެރޭގައި، ތަރައްގީ ވަމުން އަންނަ ގައުމުތަކަށް މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް ލުއި ފަސޭހަގޮތްތަކެއް ހޯދައިދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި، ކޮވިޑް-19ގެ ސަބަބުން ދިމާވި ދަތިތަކުން އަރައިގަނެ ގައުމު އަލުން އާރާސްތު ކުރުމަށް ރާއްޖެއިން ކުރަމުން އަނަނަ މަސައްކަތަށް އެމަނިކުފާނުގެ އެއްބާރުލުން ލިބިގެންދާނެ ކަމުގައި ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް އަލިއަޅުއްވާލައްވައި، މިކަމުގެ ނުރައްކަލަށް އެންމެބޮޑަށް ހުށަހެޅިފައިވާ ކުދި ޖަޒީރާ ގައުމުތަކަށް، މިކަމުން އަރައިގަތުމަށް ބައިނަލްއަގުވާމީ މުޖްތަމައުގެ އެހީތެރިކަމަށް ބޭނުންވެފައިވާ ކަން ވަރަށް ސާފުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.
މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން، ރައީސުލްޖުމްހުރިއްޔާ ވަނީ އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ލީޑާޝިޕުގެ ދަށުން ކޮވިޑުގެ ބަލިމަޑުކަމާ ދެކޮޅަށް އެޖަމާއަތުން ކުރަމުން އަންނަ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައި، އދ. އާއި ރާއްޖެއިން އިސްކަންދޭ މުހިންމު މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ޓަކައި ވަގުތުކޮޅެއް ހުސްކޮށްދެއްވީތީ ސެކްރެޓަރީ ޖެނެރަލް އަށް ޝުކުރު އަދާކުރައްވާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު