ޚަބަރު

ހަނިމާދޫ ފެރީ ޓާމިނަލް މަސައްކަތުގެ އަޕްޑޭޓް ދީފި

ރިފާ ހަލީލު

ހދ. ހަނިމާދޫ ފެރީ ޓާމިނަލް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސން ބުނީ މި މަޝްރަުއުގެ ދަށުން ޓާމިނަލް އިމާރާތުގެ ފައުންޑޭޝަން ފޫޓިންގެ މަސައްކަތްތައް މިހާރު ފަށަފައިވާ ކަމަށެވެ. އަދި ހަނިމާދޫ ފެރީ ޓާމިނަލަކީ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްގީ ކުރާ ޓާމިނަލެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ މަގުސަދަކީ ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމެވެ.

މި މަޝްރޫއު ތަންފީޒު ކުރަނީ ތިން ފިޔަވައްސެއްގެ ދަށުންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގައި ފެރީ ޓާމިނަލް ތަރައްގީ ކުރެވިގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ. މި ފެރީ ނިޒާމުން ލުއިފަސޭހަ އަވަސް ހިދުމަތެއް ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދޭނެ ކަމަށާއި އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެއްގޮތްވާ ގޮތުގެމަތިން، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލާ، އެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، އެކަމުން ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ކުރިއެރުންތަކެއް ލިބި، ސަރަހައްދީ ގޮތުން ރައްތަކަށް ތަރައްގީ ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.