މެމްބާޝިޕް އުސޫލުން ގައުމުތަކުގެ ސަރުކާރުތަކާއި މަދަނީ ޖަމިއްޔާތައް ހިމެނޭ ގޮތަށް އުފައްދާފައިވާ ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ޖަމިއްޔާ، އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) ގައި ރާއްޖެ ބައިވެރިވުމަށް ރައްްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

އެ ޖަމިއްޔާގެ މެންބަރަކަށް ރާއްޖެ ވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާދެއްވާފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހުގެ ރުހުން ހޯއްދެވުމަށް އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.

އައިޔޫސީއެންގެ އިސްނެގުމުގެ މަތީން ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމުގައި މިހާތަނަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެހެންކަމުން ރާއްޖެއިން އައިޔޫސީއެންގައި ބައިވެރިވުމުގެ ސަބަބުން ދުނިޔޭގައި ދިރޭތަކެއްޗާއި މާހައުލުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ އެކިއެކި ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް ޕާޓްނާޝިޕްތައް ގާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ރައީސް އޮފީހުން މީގެކުރިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެކިއެކި ނެޓްވޯކުތަކަށް ތައާރަފުވެ އޭގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން ފަންނީ މައުލޫމާތު ހިއްސާކުރުމާއި ތަޖުރިބާ ހިއްސާކުރުމަކީ ރާއްޖެއަށް އޭގެ ސަބަބުން މަންފާ ލިބިގެންދާނެ ކަންކަން ކަމަށާއި މިއީ ދިރޭތަކެއްޗާއި އެތަކެތީގެ މާހައުލު ހިމާޔަތްކޮށް ބެލެހެއްޓުމުގައި ރާއްޖޭގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ވެސް ލިބިގެންދާނެ ފުރުސަތެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އައިޔޫސީއެންގައި ދުނިޔޭގެ 91 ގައުމުން ދައުލަތެއްގެ ހައިސިއްޔަތުން ބައިވެރިވެފައިވާއިރު 170 ގައުމުން 1400 އަށްވުރެ ގިނަ ޖަމިއްޔާ ޖަމާއަތްތަކުން ވަނީ ބައިވެރިވެފައެވެ.

ދުނިޔޭގެ ގުދުރަތީ މާހައުލާއި އެ މާހައުލުގައިވާ ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އަދި މިހާރުވެސް ކުރަމުން އަންނަ އައިޔޫސީއެން އަކީ ބައިނަލްއަގުވާމީ ގޮތުން ދުނިޔޭގެ ގިނަ ގައުމުތަކުން ބަލައިގަންނަ މަޝްހޫރު ތަޖުރިބާކާރު ޖަމިއްޔާއެކެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާ ކުރުމަށްފަހު، އެ ޖަމިއްޔާގައި ރާއްޖެ ބައިވެރިވުމަށް މަޖިލީހުން ރުހުން ދިނުމަށް ފެންނަ ކަމަށް ނިންމައި އެކަމަށް މަޖިލީހުން ގޮތެއް ނިންމައިދިނުމަށް އެދި މިދިޔަ ބުރާސްފަތި ދުވަހު ވަނީ މަޖިލިސް ތަޅުމަށް ފޮނުވައިފައެވެ.

ކޮމިޓީން ހުށަހެޅި ގޮތަށް އެ ޖަމިއްޔާގައި ރާއްޖެ ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ ޖަލްސާގައި ތިއްބެވި 29 މެންބަރުންގެ ތެރެއިން 28 މެންބަރުން ވޯޓު ދެއްވައިގެންނެވެ.