ޚަބަރު

ޓެރަރިސްޓުން ކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމަށް ގާނޫނީ ހުރަހެއް ނެތް: ބަންޑާރަ ނައިބު

މުޖުތަމައުއަށް ނުރައްކާތެރި ފަރާތްތައް ބަންދުގައި ބޭތިއްބުމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ތެރެއިން ޖާގަ އެބަ އޮތް ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބު މިހެން ވިދާޅުވީ، މުޖުތަމައުއަށް ނުރައްކާތެރި ފަރާތްތައް ބަންދުގައި ބައިތިއްބޭނެ ގޮތެއް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ތެރެއިން އަދިވެސް މަގުދައްކާ ނުދޭ ކަމަށާއި އެފަރާތްތައް ބަންދުން ދޫކޮށްލައި ރީހެބިލިޓޭޝަން ޕްރޮގުރާމެއް ހިންގުމަށް ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބާކަށް އަދިވެސް އެ ގާނޫނުން ޖާގަ ނުދޭ ކަމަށް 24 މެއި 2021ގައި މަޖިލިސްގެ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާތީ، އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ބަންޑާރަ ނައިބު ވިދާޅުވީ، ޓެރަރިޒަމްގެ ކުށްތައްކުރާ ފަރާތްތަކުގެ މައްޗަށް ޓެރަރިޒަމް ގާނޫނުގެ ދަށުން ދެ އިޖުރާއަތެއްގެ ދަށުން އަމަލުކުރެވިދާނެ ކަމަށް ޓެރަރިޒަމްގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެގޮތުން ފުރަތަމަ އިޖުރާއަތަކީ ޓެރަރިޒަމްގެ ކުށްތައް ކުރާ ފަރާތްތަކުގެ ތެރެއިން އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ހޯމް މިނިސްޓަރަށް ފެންނަ މީހުންގެ މައްޗަށް މޮނިކޮން އަމުރެއް ނެރެ ފިޔަވަޅު އެޅުން ކަމަށެވެ. އަދި ދެވަނަ އިޖުރާއަތަކީ ޓެރަރިޒަމްގެ ކުށެއް ކޮށްފިކަމަށް ނުވަތަ ކުރަން އުޅޭ ކަމަށް ބެލެވޭ ފަރާތްތައް ހައްޔަރުކޮށް، ބަންދުކޮށްގެން ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުގެ ތެރެއިން ކަންތައް ކުރުމެވެ.

ބަންޑާރަ ނައިބު މިހެން ވިދާޅުވުމުން، މެމްބަރު ވަހީދު ވަނީ އިމްރާން އަބްދުﷲ އެ ހެއްދެވީ އިތުރުފުޅެއްތޯ ސުވާލު ކުރެއްވިއެވެ.

"އަޅުގަނޑު މި ބަޔާންކުރީ ގާނޫނުގައި ކަން އޮތް ގޮތުގެ ވާހަކަ. އަޅުގަނޑަށް ފެންނަ ފެނުމުގައި މިހާރު އަމަލުކުރަމުންދާ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ވަރަށް ސާފުކޮށް އެބަ އޮތް ދެ އިޖުރާއަތެއްވެސް ބަޔާންކޮށްފައި. އެއްގޮތަކީ މޮނިކޮން އަމުރެއް ނެރެގެން ކުށުގެ ތުހުމަތަށް ހުށަހެޅޭ މީހުންނާއި ކުށުގެ ޝިކާރައަކަށްވާ މީހުންނާއި ރާއްޖެއިން ބޭރަށްދާ ހަނގުރާމަވެރި ފަރާތްތަކަށް އެގާނޫނުގެ ދަށުން މޮނިކޮން އަމުރު ނެރުމަށްޓަކައި ލިބިދީފައިވާ ބާރުތައް. ދެވަނަ ގޮތަކީ ހައްޔަރުކޮށްގެން ބަންދުކޮށްގެން ކަންތައްތައް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދީފައިވާ އިޖުރާތް.،" ބަންޑާރަ ނައިބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މޮނިކޮމް އަމުރަކީ ގާނޫނުގައި އެއް އަހަރު ދުވަހަށް ނެރެވޭ އަމުރެއްކަމަށް ބުނެފައިވީނަމަވެސް އެއަށްވުރެއް ދިގު މުއްދަތަށްވެސް އަމުރު ނެރެވޭގޮތަށް ގާނޫނުން ޖާގަ ލިބިދޭ ކަމަށެވެ. އަދި އަމުރު ނެރޭ މީހާގެ މައްޗަށް އެއްފަހަރަށްވުރެ ގިނަ ފަހަރަށްވެސް އަމުރު ނެރެވިދާނެކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ރާއްޖޭގެ ގާނޫނުގައި ބަޔާންކުރާ ދެ އިޖުރާއަތަކީ ރާއްޖެއިން ބޭރުގައިވެސް އަމަލުކުރަމުންދާ ދެ އިޖުރާތް ކަމަށެވެ.