މަނީލޯންޑާ ކުރުމުގެ ކުށް ސާބިތުވެގެން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރު ދުވަހަށް ޖަލަށްލުމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ދިފާއުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި ނިންމާލައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އެ ހުކުމް އިއްވާފައި ވަނީ، 28 ނޮމެންބަރު 2019 ގައެވެ. ކުރިމިނަލް ކޯޓުގެ ހުކުމަށް ހައިކޯޓުންވެސް ވަނީ ތާއިދުކޮށްފައެވެ. ފަހު މަރުހަލާގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ އިރު، އެ ކޯޓުގައި އަޑުއެހުންތަށް ފަށާފައިވަނީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުއެވެ.

އެ މައްސަލައިގައި މީގެ ކުރިން ވަނީ ތިން އަޑުއެހުން ކުރިއަށް ގެންގޮސްފަ އެވެ. އަދި މިއަދު ހެނދުނު ނުވައެއް ޖެހިިއިރު އޮތް އަޑުއެހުން ދިގުލައިގެންދާ ނަމަ މެންދުރު ފަހު އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވި އެވެ. ނަމަވެސް ސިއްހީ ސަބަބުތައް ހާމަކޮށް ދައުވާ ލިބޭ ފަރާތުން ހުށަހެޅުންތައް ހުށަހަޅާފައި އޮތުމުން ކުރުކޮށް އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ރިޔާސަތުން ވަނީ ނިންމާފަ އެވެ.

އެގޮތުން މީގެ ކުރީގެ ތިން އަޑުއެހުމުގައި ދިފާއުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ނުނިމި އޮތް ބައި ތަކުރާރު ނުވާނެ ގޮތަކަށް ކުރުކޮށް ހުށަހެޅުމަށް ރިޔާސަތުން ފުރުސަތު ދިނެވެ.

ހެނދުނު 10:30 ބައި ގަޑިއިރުގެ ބްރޭކެއް ދިނުމަށްފަހު 11 ޖެހިއިރު އަލުން އަޑުއެހުން ފެށި އެވެ. އަދި 12 ޖަހަން ވެފައި ވަނިކޮށް ދިފާއުން ވަނީ އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި ނިންމާލައިފަ އެވެ.

ދެން އޮންނާނީ އެ ނުކުތާތަކަށް ދައުލަތުން ރައްދު ދިނުމެވެ. ކުރިން ހަމަޖައްސާފައި އޮތީ މެންދުރު ފަހު އެ ކަމަށް ހާއްސަކޮށްގެން އަޑުއެހުމެއް ބޭއްވުމަށެވެ. ނަމަވެސް ދައުވާ ލިބޭ ރައީސް ޔާމީންގެ ފަރާތުން ފާހަގަކޮށްފައިވާ ސިއްހީ ސަބަބުތަކަށް ރިއާޔަތް ކުރުމަށް ފަހު އެ ކަމަށް އިތުރު އަޑުއެހުމެއް ބޭއްވުމަށް ރިޔާސަތުން ވަނީ ނިންމާފަ އެވެ. އެ އަޑުއެހުން އޮންނާނީ ބުރާސްފަތި ދުވަހު އެވެ.

ދިފާއުގެ ނުކުތާތަކަށް ދައުލަތުން ރައްދު ދިނުމަށް އަޑުއެހުމެއް ބާއްވާއިރު، ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ކަފާލަތާއި ގުޅޭ ގޮތުން ގޮތެއް ނިންމުން ވެސް އަދި އޮންނާނެ އެވެ. އެކަމަށް ގޮތެއް ނިންމާނެ ދުވަހެއް ރިޔާސަތުން ކަނޑައެޅުމުގައި އިއުތިރާޒެއް ނެތް ކަމަށް ދިފާއީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވި އެވެ.