ކުޅިވަރު

ޕީއެސްޖީއަށް މުހިއްމު މޮޅެއް، ބަދަލުކުރުމާއެކު މެސީގެ ހިތްހަމަ ނުޖެހުން ކޯޗަށް

މުޙައްމަދު ޝަމްޢޫން

ފްރާންސް ލީގު ވަންގައި ރޭ ޕީއެސްޖީން ވާދަވެރި ލިއޯންއާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 2-1 ކާމިޔާބު ކޮށްފިއެވެ.

ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު މެޗު ފޯރިގަދަ ކޮށް ފެނިގެން ގޮސްފައިވާއިރު، ރޭގެ މެޗަކީ ލިއޮނަލް މެސީ ހޯމްގައި ކުޅުނު ފުރަތަމަ މެޗެވެ. މެޗުގައި މެސީގެ ފަރާތުން އެންމެ އެކަށޭނެ ކުޅުމެއް ފެނިގެން ގޮސްފައި ނުވާއިރު، ދެވަނަ ހާފްގައި ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ މެސީ ބާލައި، ބަދަލުގައި އަޝްރަފު ހަކީމީ ކުޅެން ނެރެފައެވެ. އެ ބަދަލާއެކު ފައިބަން ޖެހުނު މެސީ ވަނީ ޕޮޗެޓީނޯއާ ސަލާމް ކުރަން އިންކާރުކޮށް، ކޮންމެވެސް ވަރަކަށް ނުރުހުން ފާޅުކޮށްފައެވެ.

މިހާތަނަށް ފްރާންސް ލީގުގައި ޕީއެސްޖީން ކުޅެފައިވާ ހަ މެޗުންވެސް އެޓީމު މޮޅުވެފައިވާއިރު، ރޭގެ މެޗުގެ ފުރަތަމަ ހާފްގައިވެސް ވަރުގަދަކޮށް ފެނުނީ ޕީއެސްޖީއެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ޕީއެސްޖީއަށް ހަމަލާތައް އުފެއްދުމުގައި އުނދަގޫތަކެއް ދިމާވެފައިވާއިރު، މެސީގެ ހިލޭ ޖެހުމެއް ވަނީ ދަނޑިއަށް ވެސް އަމާޒުވެފަ އެވެ. އޭގެ އިތުރުން މެސީގެ ބާރު ހަމަލާއެއް ލިއޯން ގޯލްކީޕަރު އެންތޮނީ ލޮޕޭޒް މަތަކޮށްފައި ވެސް ވެއެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ލިއޯން އިން ލީޑު ނެގީ ޓޮލެންޓީނޯ ކޮއެޅޯ ޑި ލީމާގެ ގޯލުންނެވެ. އެ ގޯލާއެކު ލިއޯން ކުޅުނު ރަނގަޅު ކުރި ނަމަވެސް ޕީއެސްޖީން ވަނީ 66 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީން ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނޭމާއަށް އޭރިއާ ތެރެއިން މާލޯ ގުސްޓޯ ފައުލް ކުރި ކަމަށް ބަލައި ރެފްރީ ޕެނަލްޓީ ދީފައިވާއިރު، އެ ފައުލްގެ ކުރިން ނޭމާ ގުސްޓޯއަށް ފައުލް ކުރި ކަމަށް ބުނެ ލިއޯން ބެންޗުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކޮށްފައެވެ.

ނޭމާގެ ޕެނަލްޓީން ޕީއެސްޖީ ނަތީޖާ ހަމަހަމަ ކޮށްފައިވާއިރު، މެޗުގެ ފަހު މިނެޓުގައި ގޯލް ޖަހައި، އެޓީމަށް ތިން ޕޮއިންޓް ޔަގީންކޮށްދިނީ މައުރޯ އިކާޑީއެވެ.