އިދިކޮޅު މުޒާހަރާގައި އާންމުންނާއި ބައެއް ނޫސްވެރިންނަށް އަނިޔާވެއްޖެއެވެ.
ޗެނަލް 13 އިން ބުނި ގޮތުގައި އެ ސްޓޭޝަންގެ ނޫސްވެރިޔާ ސަމާހު އާއި އެ ޗެނަލްގެ އިތުރު ނޫސްވެރިޔަކަށް އަނިޔާވެ އޭޑީކޭގައި ފަރުވާދެމުންދާ ކަމަށެވެ. އެގޮތުން ސަމާހުގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށްވެސް ބުންނެވެ.
އިދިކޮޅު މުޒާހަރާގައި ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، ޕެޕާ ސްޕްރޭވެސް ޖަހައިފައެވެ. މުޒާހަރާގެ ބައެއް ބައިވެރިންނަށްވެސް އަނިޔާވެފައިވާއިރު، މުޒާހަރާ މިހާރު ވަނީ ރޫޅާލައިފައެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، މިރޭގެ މުޒާހަރާގެ ތެރެއިން މާލެ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ނިމާލް އާއި ހުރާ ކައުންސިލްގެ ރައީސް އީސާ އަހުމަދާއި ކައުންސިލްގެ ދެ މެންބަރަކާއި ދެ ސަޕޯޓަރަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މުޒާހަރާ ކަވަރުކުރަން ހަރަކާތްތެރިވި "ވަން"ގެ ނޫސްވެރިޔާ ބުނީ، މުޒާހަރާގައި ފުލުހުން ގިނަ އަދަދަކަށް ޕެޕާ ސްޕްރޭ ބޭނުންކުރި ކަމަށާއި މުޒާހަރާ ރޫޅާލިގަޑީގައި ބައެއް މީހުންނަށް އަނިޔާކޮށްފައިވާ ކަަމަށެވެ.
މިރޭގެ މުޒާހާރައަކީ ފިޔަވަތީގެ ހާލަތު ބޮއްސުންލައިގެން ދިއުމާ ގުޅިގެން ބޭއްވި މުޒާހަރާއެކެވެ. އެ މުޒާހަރާގައި ބައިވެރިން ވަނީ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށާއި ޝަރުއީ ނިޒާމު އިސްލާހު ކުރުމަށްވެސް ގޮވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު