ޓްރާސްޕޯޓް މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްހަ ލައިސެންސެއް އޮތް މީހުންނަށް އިމްތިހާނު ހެދުމަކާ ނުލައި ދާއިމީ ލައިސެންސް ދިނުމަށް ހަމަޖެހިފައިވާ ގައުމުތަކުގެ ލިސްޓަށް ބަންގުލަދޭޝް އިތުރުކޮށްފިއެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި ހަތަރުވަނަ އިސްލާހާއެކު، އެ ގާނޫނުގެ 33 ވަނަ މާއްދާގެ (ނ) އަދި (ހ)ގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްހަ ލައިސެންސެއް އޮތް މީހުންނަށް އިމްތިހާން ހެދުމަކާ ނުލައި ދާއިމީ ލައިސެންސް ދިނުމަށް އެ އޮތޯރިޓީއަށް އިހުތިޔާރު ދީފައިވެއެވެ.

މިދިޔަ މަހު ޓްރާންސްޕޯޓުން އިއުލާން ކުރި ލިސްޓުގައި ހިމެނީ 25 ގައުމެކެވެ. ނަމަވެސް މިއަދު ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކުރި ލިސްޓަށް ވަނީ ބަންގުލަދޭޝް އިތުރު ކޮށްފައެވެ.

ދެން އެ ލިސްޓުގައި ހިމެނެނީ އަފްޣާނިސްތާން، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން، ސްރީލަންކާ، ބުރުނާއީ، ކެމްބޯޑިއާ، އިންޑޮނޭޝިއާ، ލާއޯސް، މެލޭޝިއާ، މިޔަންމާ، ޕިލިޕީންސް، ސިންގަޕޫރު، ތައިލެންޑް، ވިއެޓްނާމް، ޖަޕާން، އިނގިރޭސިވިލާތް، އެމެރިކާ، ޗައިނާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ސްވިޓްޒާލެންޑް، ސައުދީ އަރަބިއްޔާ، ބެލްޖިއަމް އަދި ޖަރުމަނެވެ.

މި ގައުމުތަކަށް ލައިސަންސެއް ހޯދުމަކާ ނުލައި ނުވަދިހަ ދުވަހުގެ މުއްދަތަށް ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވޭނެއެވެ.