ޚަބަރު

ޔާމީން މަރާލުމުގައި ބައިވެރި ކަމަށް އެއްބަސްވި މީހެއްގެ ހެކިބަސް ނެގުމުން ދިފާއުގެ ކަންބޮޑުވުން

ބްލޮގަރު ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވި ކަމަށް އިއުތިރާފުވެފައިވާ ފަރާތެއްގެ ހެކިބަސް ނެގުމުން، އެ މައްސަލައިގައި ދައުވާ ލިބޭ ބައެއް ފަރާތްތަކުގެ ވަކީލުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އުމުރުން 29 އަހަރުގެ ޔާމީން ރަޝީދު 23 އޭޕްރިލް 2017 ވަނަ ދުވަހުގެ ރޭ ދަންވަރު މަރައިލީ އޭނާ ދިރިއުޅުނު އިމާރާތުގެ ސިޑި ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީ ގެންނެވެ.

އެ މައްސަލައިގައި ހަ މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، މިއަދު އޮތީ ތިން މީހަކާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެއްކާ ގުޅޭ ގޮތުން ދިފާއުގައި ވާހަކަ ދެއްކުމެވެ. އެ ތިން މީހުންނަކީ، ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލްގެ އިތުރުން މ. ކުދެހިގެ ހަސަން ޝިފާޒުއެވެ.

މިއަދު މެންދުރު 1:00 ޖެހިއިރު ކުރިމިނަލް ކޯޓުގައި އޮތް އެ ޝަރީއަތުގެ އަޑުއެހުމުގައި ތިން މީހުންގެ ވަކީލު އަހުމަދު ޔާމީން ވަނީ އެ ފަރާތްތަކުގެ ދިފާއުގައި ވާހަކަ ދައްކަވައިފައެވެ. އެގޮތުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ވަކީލު ޔާމީން ފާހަގަކުރެއްވީ، ދައުލަތުގެ ފަރާތުން ސިއްރު ހެއްކެއްގެ ގޮތުގައި ހުށަހަޅައި ހެކިބަސް ދީފައިވާ މީހާގެ މައްސަލައެވެ.

އެނާގެ ވާހަކަތަކުން އޭނާއަށް ޔާމީން ރަޝީދު މަރާލުމަށް ރާވާކަން އެނގޭ ކަމާއި މަރާލި ރޭ އެތަނަށް ދިޔަކަމަށް ބުނެފައިވާ ކަމަށް ދިފާއީ ވަކީލު ފާހަގަކުރެއްވިއެވެ. އަދި މަރާލުމަށްފަހު އެ އެންމެން އެކުވެ އެކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކި ކަމަށް ވެސް ބުނެފައިވެއެވެ.

ސިއްރު އެ ހެކިވެރިޔާގެ ވާހަކަތަކުން އޭނާ އަކީ އަމަލީ ގޮތުން އެކުށް ކުރުމުގައި ބައިވެރިވެފައިވާ ފަރާތެއްކަން އެނގޭ ކަމަށާއި އޭނާ ހެކިބަސް ދެމުން، ދައުވާ އުފުލިފައިވާ މީހުންނާ ދެކޮޅަށް ހެކިބަސް ދޭނެ ކަމަށް ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވާ ކަމަށް ވެސް ވަކީލު ޔާމީން ވިދާޅުވިއެވެ.

އެހެން ކަމުން ކުށް ކުރި ކަމަށް އެއްބަސްވެފައިވާ ފާސިގެއްގެ ހެކިބަސް ނުނެގޭނެ ކަމަށް ވެސް ދިފާއުން ފާހަގަކުރެއްވި އެވެ. އަދި އެއީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެ ހެކިވެރިޔާގެ ވާހަކަތަކަށް ދައުވާލިބޭ އިސްމާއިލް ރަޝީދުގެ ވަކީލު މައުމޫން ހަމީދު ވެސް ވަނީ މީގެ ކުރިން ކުރިމިނަލް ކޯޓުގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ މައްސަލައިގައި ދެން ދައުވާ އުފުލާފައިވަނީ، ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާން އާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

ދެން އޮންނަ ޝަރީއަތުގެ އަޑުއެހުމެއްގައި އޮންނާނީ ވާރިސުންގެ ބަސް ނެގުމެވެ. އެ އަޑުއެހުން އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ. އަދި އެއަށްފަހު ހުލާސާ ބަޔާން އިއްވުމަށްފަހު ދެން އޮންނާނީ ހުކުމް ކުރުމެވެ.