ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ޓީމު ވަރުގަދަ ކުރުމަށް ބަންގުލަދޭޝްއިން އަނެއްކާވެސް ގައުމުން ބޭރަށް އުފަން، އެހެން ގައުމެއްގެ ކުޅުންތެރިޔަކަށް ޓީމުން ޖާގަ ދީފިއެވެ.
ބަންގުލަދޭޝް ފުޓުބޯޅަ ފެޑަރޭޝަނުން މިފަހަރު ޓީމަށް އިތުރުކުރި ކުޅުންތެރިޔަކީ އިނގިރޭސިވިލާތަށް އުފަން، އެގައުމުގެ ޕާސްޕޯޓު އޮންނަ ޔޫސުފް ޒުލްކަރުނައިން ހޭގެވެ. އިނގިރޭސި ފުޓުބޯޅަ ޕިރަމިޑްގެ ދަށް ލެވެލްއަކަށް ކުޅުނު ހޭގަކީ ޒުވާން އެޓޭކިން މިޑްފީލްޑަރެކެވެ. އޭނާގެ ވަނަވަރު އަދި މާ ބޮޑަކަށް މީޑިއާއިން ހާމަކޮށްފައެއް ނުވެއެވެ.
ފެޑަރޭޝަނުން 34 ކުޅުންތެރިންގެ ޕްލިމިނަރީ ސްކޮޑުގައި ހޭގު ހިމެނި ނަމަވެސް އޭނާއަށް ބަންގުލަދޭޝްއަށް ކުޅެވޭނީ، ބަންގުލަދޭޝްގެ ޕާސްޕޯޓު ހައްދައި، ވިސާވެސް ލިބިގެންނެވެ. އޭގެ އިތުރުން ގައުމީ ޓީމު ތަމްސީލު ކުރުމަށް ފީފާއިން ހުއްދަވެސް ދޭން ޖެހެއެވެ.
ބަންގުލަދޭޝްއިން ވަނީ މިފަހަރުގެ ސްކޮޑުގައި ނައިޖީރިއާއަށް އުފަން ފޯވަޑް، އެލެޓާ ކިންގްސްލީއަށްވެސް ފުރުސަތު ދީފައެވެ. އޭނާވެސް މިހާރު މަޑުކޮށްގެން ހުރީ ފީފާގެ ހުއްދައަކަށެވެ.
ބަންގުލަދޭޝް ގައުމީ ޓީމުން ސާފް ޗެމްޕިއަންޝިޕަށް ހާއްސަކޮށް ފަރިތަކުރުންތައް ފަށާނީ މިމަހުގެ 21 ވަނަ ދުވަހަށް ފަހުއެވެ. ބަންގުލަދޭޝް ލީގު އެ ދުވަހު ނިމޭއިރު އަލަށް ޓީމު ހަވާލުކުރި ކޯޗު އޮސްކާ ބްރޫޒޮން ޓީމާ ހަވާލުވާނީވެސް ބަޝުންދަރާ ކިންގްސްއާއެކު ސީޒަން ނިންމައިލުމަށްފަހުއެވެ. ގިނަ ދުވަސްތަކެއް ވަންދެން ބަންގުލަދޭޝް ގައުމީ ޓީމާ ހަވާލުވެ ހުރި ކޯޗު، ޖޭމީ ޑޭ މަގާމުން ދުރުކޮށް ސާފް ޗެމްޕިއަންޝިޕަށް ކޯޗުގެ ޒިންމާ އޮސްކާއާ ހަވާލުކުރީ މިދިޔަ ހުކުރު ދުވަހުއެވެ.
އަންނަ މަހުގެ އެއްވަނަ ދުވަހު ރާއްޖޭގައި ފަށާ ސާފް ޗެމްޕިއަންޝިޕަށް ޓީމުތަކުން ތައްޔާރުވަމުން އަންނަ އިރު، ރާއްޖެއާއި ނޭޕާލްވެސް ތަމްރީނުތައް ހަދަމުން ދަނީ ގަތަރުގައެވެ. ދާދިފަހުން ބަންގުލަދޭޝްއިން ކިރިގިސްތާނުގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައިވާ އިރު، ސްރީލަންކާއިން ވަނީ ސައުދީއަށް ގޮސްފައެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް