އައްޑޫ ސިޓީގައި ހިންގާ ގޭންގު މާރާމާރީތައް ހުއްޓުވަން އިތުރު ފުލުހުންނަށާއި ވަސީލަތްތައް ހަމަޖައްސައިދޭން ސަރުކާރުގައި އެދެން ނިންމާފައިވާ ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އައްޑޫގައި އިއްޔެ އެކަނިވެސް ދެ މާރާމާރީއެއް ހިންގައި، ތިން މީހަކު ވަނީ ޒަހަމްކޮށްލައިފައެވެ. އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްވުމުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ އިރު، ދެން ޒަހަމްކޮށްލާފައި ވަނީ ދެމަފިރިއަކަށެވެ. ނަމަވެސް އެމީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.
އެ މާރާމާރީތަކާ ގުޅިގެން އައްޑޫ ކައުންސިލުން މިއަދު ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައި، އެކަންކަން ހުއްޓުވުމަށް ކައުންސިލުން ސަރުކާރަށް ހުށަހަޅަން ބޭނުންވާ ކަންކަން ފާސްކޮށްފައެވެ.
އެކަމުގެ މައުލޫމާތު ދެއްވަމުން ނިޒާރު "ވަން" އަށް ވިދާޅުވީ، ގޭންގު މާރާމާރީތަކުގެ އިތުރުން ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއްވެސް އުޅޭތީ، އެކަންކަން ހުއްޓުވައި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އިތުރު ފުލުހުންނަށާއި ވަސީލަތްތަކަށް ސަރުކާރުގައި އެދެން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެކަންކަމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ހޯމް މިނިސްޓަރު އިބްރާހިމް އަބްދުﷲ އަށް ސަރުކާރު ހުޅުވުމުން ހުށަހަޅާނެ ކަމަށާއި އެދޭނީ ދާއިމީ ހައްލެއް ގެނެސްދިނުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު