އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ރާއްޖެ ނަގައިފިއެވެ.
އިނގިރޭސިވިލާތުން ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓު އޮންނަނީ ތިން ކެޓެގަރީއަކަށް ބަހާލައިފައެވެ. އެއީ ގްރީން، އެމްބާ އަދި ރެޑެވެ.
ރެޑް ލިސްޓުގައި ހިމެނޭ ގައުމުތަކަށް ދަތުރުކުރުން މަނާވާނެއެވެ. އަދި އެ ގައުމުތަކުން އިނގިރޭސިވިލާތަށް އެތެރެވާ މީހުންވެސް ދިހަ ދުވަހުގެ ކަރަންޓީނުވާން ޖެހޭނެއެވެ. ކަރަންޓީނުވާން ޖެހޭނީ އެކަމަށް ހާއްސަ ކޮށްފައި ހުންނަ ފެސިލިޓީއެއްގައި، އަމިއްލަ ހަރަދުގައެވެ.
މިއަދު ވަނީ އިނގިރޭސިވިލާތުގެ ރެޑް ލިސްޓަށް ބަދަލުތަކެއް ގެނެސްފައެވެ. އިނގިރޭސި ސަރުކާރުން އާންމުކުރި އެ ލިސްޓުން ރާއްޖެ ވަނީ ނަގައިފައެވެ. ރެޑް ލިސްޓުން ނެގި އަށް ގައުމުގެ ތެރޭގައި ދެން ހިމެނެނީ ކެންޔާ، އޮމާން، މިސްރު، ތުރުކީ، ޕާކިސްތާނު، ބަންގުލަދޭޝް އަދި ސްރީލަންކާއެވެ.
އިނގިރޭސިވިލާތުގެ ގްރީން ލިސްޓުން އުނިކޮށް، ރާއްޖެ ރެޑްލިސްޓަށް ލާފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. ލިސްޓަށް މިއަދު ގެނެވުނު ބަދަލުތަކާއެކު ލިބޭ ލުއިތަކަށް އަމަލުކުރަން ފަށާނީ އަންނަ ބުދަ ދުވަހުން ފެށިގެންނެވެ.
ރެޑް ލިސްޓުގައި ނުހިމެނޭ ގައުމުތަކުން އިނގިރޭސިވިލާތަށް އެތެރެވާ މީހުންނަށް ލުއިތަކެއް ދިނުމަށް ވެސް އެގައުމުގެ ސަރުކާރުން ވަނީ ނިންމައިފައެވެ. އެއީ ވެކްސިންގެ ޑޯޒްތައް ހަމަކޮށްފައިވާ މީހުން އެގައުމަށް އެތެރެވާއިރު ޕީސީއާރު ޓެސްޓެއް ގެންނަން ނުޖެހުމެވެ. އެ ލުޔަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ.
އިނގިރޭސިވިލާތުގެ ރެޑް ލިސްޓުގައި މިހާރު އޮތީ 54 ގައުމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު