އައްޑޫ ސިޓީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ ފުލުސް މީހާ، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުސް މީހާ ދަނީ އެ ކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން ޖިންސީ ގޯނާ ކުރަމުންނެވެ. މިހާރު ކުއްޖާގެ އުމުރުން 16 އަހަރެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުސް މީހާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި އައްޑޫއިންނެވެ. އޭނާއަކީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން އޭނާ ރޭ ހައްޔަރުކުރި އިރު، އިއްޔެ ހަވީރުން ފެށިގެން ހިތަދޫގައި އެ ފުލުސް މީހާ ދިރިއުޅެމުންދާ ގެ ކައިރިއަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ، މުޒާހަރާކޮށްފައިވެއެވެ. މުޒާހަރާކޮށްފައިވަނީ އެ ފުލުސް މީހާ ހައްޔަރުކުރުމަށް ގޮވައިލައެވެ.
އެ މުޒާހަރާގައި ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައި، ބާރުގެ ބޭނުންކޮށްފައެވެ. ފުލުހުން ބުނީ ޕެޕާ ސްޕްރޭ ޖަހައި، ބާރުގެ ބޭނުން ކޮށްފައިވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކުރުމާ ގުޅިގެން، އެއްވެ ތިބި މީހުން ދުރަށް ޖެއްސުމުގެ ގޮތުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު