އައްޑޫ ސިޓީގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްފިއެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީ ފުލެޓު ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމުކޮށްލާފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 12:08 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވެފައިވަނީ 29 އަހަރުގެ ފިރިހެނަކަށް ކަމަށާއި އެމީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
އެކަމާ ގުޅޭގޮތުން އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮފިޝަލަކު "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ބޮލަށް އަނިޔާތަކެއް ލިބުނު 29 އަހަރުގެ ފިރިހެނަކު މިއަދު މެންދުރު 12:00 ހާއިރު އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.
ޒަހަމުވި ޒުވާނާއަށް އެ ހޮސްޕިޓަލުގެ އީއާރުގައި ފަރުވާދެމުން އަންނަ ކަމަށާއި އޭނާ މިވަގުތު އޮތީ ހޭއަރާފައި ކަމަށެވެ. އަދި މިވަގުތު އޭނާ އޮތީ ކޮން ތަނަކު ކަން އޭނާއަށް އެނގޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު