ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަބްދުލްގަފޫރު ރުއްސައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ހެކި އުފެއްދުމުގެ މަސައްކަތް ސަރުކާރުން ކުރާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ތިން އަހަރުވީއިރުވެސް އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ތަހުގީގުކޮށް ނިންމާލެވިފައި ނުވާ ކަމަށެވެ.
"އެމްއެމްޕީއާރުސީގެ މައްސަލައިގައި މި ކުރާހާވެސް ކަމަކީ އަހުމަދު އަދީބު ލައްވާ ވަކި ކަހަލަ ހެކިތަކެއް އުފައްދަނީ. ހެކިތަކެއް އުފައްދައިގެން ހަގީގަތުގައި އަދީބު ރުއްސައިގެން ރައީސް ސޯލިހު، މި ސަރުކާރުން މިކުރާ ކަމަކީ އެބޭފުޅުން ބޭނުންވާ ހެކިތަކެއް އުފެއްދުން،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ސިޔާސީ ގޮތުން ވަކި މީހެއްގެ ބުރަކައްޓަށް "ހަންޖަރު" ހަރަން އުޅެ އެމީހެއްގެ ދުވަސް ދުއްވާލަން އުޅެފިނަމަ އެ އަނިޔާވެރިކަމުގެ ބަދަލު ލިބޭނެ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ "ހަރާމް" ހުކުމެއްކަން ފާހަގަކުރައްވައި، ސައީދު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް ގެންނަން މަސައްކަތް ކުރި ހުރިހާ ފަރާތްތަކުން ކުރާ ކަމަކީ ރައީސް ޔާމީން ސިޔާސީ މައިދާނުން ނައްތާލުމުގެ މަސައްކަތް ކަމަށެވެ.
ސައީދު އިތުރަށް ވިދާޅުވީ، މި ސަރުކާރު ފެއިލްވެފައިވާ ކަމަށާއި ރާއްޖެ ކުރިއެރުވޭނީ ރައީސް ޔާމީން މިނިވަންކޮށްގެން، އެމަނިކުފާނު ރާއްޖޭގެ ވެރިކަމަށް ގެނެސްގެން ކަމަށެވެ.