މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ފުރަތަމަ ނެޝަނަލް ކޮންވެންޝަންގައި އެ ޕާޓީގެ ރައީސް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދޮށީ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫން ކުރިމަތިލައްވައިފިއެވެ.
އެމްއާރުއެމްގެ ސެކްރެޓަރީ ޖެނަރަލް އަބްދުލް އަލީމް "ވަން"އަށް މިރޭ ވިދާޅުވީ، ޕާޓީގެ ރައީސް ކަމަށް ފާރިސް ކުރިމަތިލައްވާފައިވާ ކަމަށާއި އެ މަގާމަށް އެހެން ބޭފުޅަކު އަދި ކުރިމަތިނުލާ ކަމަށެވެ.
އަލީމް ވިދާޅުވީ، އެމްއާރުއެމްގެ ރައީސް ކަމަށް ފާރިސް ކުރިމަތިލެއްވި އިރު، ޕާޓީގެ ނައިބު ކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ. އެއީ މިހާރުވެސް އެޕާޓީގެ ނައިބަކަށް ހުންނެވި އާމިނަތު ނާދިރާއާއި މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމާއި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީއެވެ.
އެމްއާރުއެމްގެ ކޮންވެންޝަންގައި ޖުމުލަ 12 މަގާމަކަށް ބޭފުޅުން އައްޔަނުކުރާ އިރު، އެންމެ ފާހަގަކޮށްލެވެނީ "އެމްއާރުއެމްގެ ޒައީމް"ގެ ނަމުގައި ބޭފުޅަކު އިންތިހާބު ކުރުމަށް މަގާމެއް އުފައްދަވައި ކުރިމަތިލައްވަން ހުޅުވާލާފައި އޮތުމެވެ. އެ މަގާމަށް ކުރިމަތިލެއްވީ ޕާޓީގެ އިންތިގާލީ ރައީސް، ރައީސް މައުމޫން އެކަންޏެވެ.
އަންނަ މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ އެމްއާރުއެމްގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަންގައި އިންތިހާބު ކުރާ މަގާމުތަކަށް އަންނަ އަންގާރައިގެ ނިޔަލަށް ކުރިމަތިލެވޭނެއެވެ. ޝަރުތަކީ އެމްއާރުއެމްގެ މެންބަރަކަށް ވުމެވެ.
- އެމްއާރުއެމްގެ ޒައީމް
- ޕާޓީގެ ރައީސް
- ޕާޓީގެ ނައިބު ރައީސް
- ޕާޓީގެ ނައިބު ރައީސް (އަންހެން)
- އެގްޒެކެޓިވް ކޮމެޓީގެ މެންބަރު (ފިރިހެން) - އިންތިހާބު ކުރާ އަދަދު 10
- އެގްޒެކެޓިވް ކޮމެޓީގެ މެންބަރު (އަންހެން) - އިންތިހާބު ކުރާ އަދަދު 10
- ޒުވާނުންގެ ކައުންސިލުގެ ރައީސް
- ޒުވާނުންގެ ކައުންސިލުގެ ނައިބު ރައީސް
- ޒުވާނުންގެ ކައުންސިލުގެ މެންބަރު (ފިރިހެން) - އިންތިހާބު ކުރާ އަދަދު 15
- ޒުވާނުންގެ ކައުންސިލުގެ މެންބަރު (އަންހެން) - އިންތިހާބު ކުރާ އަދަދު 15
- އަންހެނުންގެ ކައުންސިލުގެ ރައީސް
- އަންހެނުންގެ ކައުންސިލުގެ ނައިބު ރައީސް
- އަންހެނުންގެ ކައުންސިލުގެ މެންބަރު - އިންތިހާބު ކުރާ އަދަދު 20
- އިންތިހާބު ކޮމިޓީގެ މެންބަރު - އިންތިހާބު ކުރާ އަދަދު 5
- ސުލޫކީ ކޮމިޓީގެ މެންބަރު - އިންތިހާބު ކުރާ އަދަދު 5
- އިސްތިއުނާފު ކޮމިޓީގެ މެންބަރު - އިންތިހާބު ކުރާ އަދަދު 5
ޕާޓީގެ ކޮންވެންޝަން ޖަލްސާ އަކީ އެ ޕާޓީއެއް ރަޖިސްޓަރީ ކުރާތާ ކުރު މުއްދަތެއްގެ ތެރޭގައި ބާއްވަން ޖެހޭ ޖަލްސާއެކެވެ. އެމްއާރުއެމް އުފެއްދީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އެމްއާރުއެމްގެ ކޮންވެންޝަން ޖަލްސާ ނުބޭއްވި ލަސްވީ ކޮވިޑާ ގުޅިގެން ކަމަށް އެޕާޓީން ވަނީ މީގެ ކުރިން ބުނެފައެވެ.
އެމްއާރުއެމް އަކީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެއް ޕާޓީއެވެ. އެ ޕާޓީއަކީ ކުރީގެ ރައީސް މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ޕާޓީއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު