ޚަބަރު

ވެމްކޯ ދޮރުމައްޗަށް ކުނި އެޅުން ނާތަހުޒީބު، އެކަން މެދުވެރިވީ އޮޅުމަކުން: ކައުންސިލް

ރިފާ ހަލީލު

މާލޭގެ މަގުމަތީގައި ހުރި ކުނިތައް ނަގައި ވެމްކޯ އޮފީސް ދޮރުމައްޗަށް އަޅާލުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށާއި އެކަމަށް މައާފަށް އެދޭ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުން ވެމްކޯއިން ވަނީ އެ ކުންފުނިން ދެމުންގެންދާ ކުނި މެނޭޖުކުރުމުގެ ހިދުމަތަށްވެސް ބަދަލު ގެނެސްފައެވެ. އެގޮތުން މީގެ ކުރިން މަގުމައްޗަށް ކުނި ނެރުމަށް އެންގި ނަމަވެސް، ރެއިން ފެށިގެން ކުނި ނަގަން ފަށާފައިވަނީ ވަކިވަކި ގޭބިސީތަކުންނެވެ. އަދި ވެމްކޯގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އެ ހިދުމަތެއް ނުދޭނެ ކަމަށްވެސް ކުރިން އޮތީ އަންގައިފައެވެ.

ނަމަވެސް ބަދަލާ ގުޅިގެން ރަޖިސްޓްރީ ނުކޮށް ހުރި ގޭގޭގެ ކުނިތައް ރޭ ވަނީ މަގުމައްޗަށް ނެރެފައެވެ. އަދި އެ ކުނިތައް ނެގުމަށްފަހު، ސިޓީ ކައުންސިލުން ޑަމްޕަރަކަށް އަޅައިގެން ގެންގޮސް، އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯ އޮފީސް ދޮރުމައްޗަށް ވަނީ އަޅާލައިފައެވެ.

އެކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެމްކޯ ކަލެކްޝަން ސެންޓަރުގެ ދޮރުމައްޗަށް ކުނި އެޅުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ނުވާނެ، ނާތަހުޒީބު ކަމެއް ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވަނީ އެކަން މެދުވެރިވީ މިސްކޮމިއުނިކޭޝަނަކުން ކަމަށް ވިދާޅުވެ، މައާފަށް އެދިވަޑައިގެންފައެވެ. އަދި ވިދާޅުވީ، އެކަމަށް ވަގުތުން އެޓެންޑުވެ އެ ކުނިތައް ނަގައި ސާފުކުރި ކަމަށެވެ.

ނަރީޝް އިތުރަށް ވިދާޅުވީ، ސިޓީ ކައުންސިލުން މާލޭގެ މަގުތައް ސާފުކޮށް ބެލެހެއްޓުމަށް ވެމްކޯއަށް ކޮންމެ މަހަކު 3.1 މިލިއަން ރުފިޔާ ދެމުންދާ ކަމަށާއި އެހެންކަމުން ރެޖިސްޓްރީ ނުކޮށް ހުންނަ ގެތަކުން ނެރޭ ކުނިވެސް ސާފުކުރުމަކީ ވެމްކޯގެ ޒިންމާއެއް ކަމަށެވެ. އަދި ހުރިހާ ގޭބިސީތަކަކުން ވެމްކޯގައި ރެޖިސްޓްރީކޮށް ހިދުމަތް ލިބިގަތުމަށް އިލްތިމާސް ކުރެއްވިއެވެ.