ކޮލަމް

މުޙަންމަދު ޝާހިދު ޙަލީމުގެ ހިތް: ށަވިޔަނިސުކުން، "ހަނދު އޮއްސިގެން މި ވަގުތަށް ހުދު އަލި އެ ދެއްކި ތަރިތައް"

މުޙަންމަދު ޝާހިދު ޙަލީމް

1

އަޅުގަނޑުގެ ހިތަށްއަރައެވެ. ލަފުޒެއްގެ ނިމޭ ތަނުގައި އޮންނަ ށަވިޔަނިސުކުން ކުރެވޭ އާންމު ލަފުޒުތަކާއިގެން ކުރިއަށް ދިއުމުގެ ކުރީން، ކުރީ ދުވަހު "ށަވިޔަނިސުކުން: "ނާސަ ބުނެ ރަދުންނަށް - ނަށަރަދުން ބުނެ ސަނާ"ގައި، ވާހަކަދައްކައިފައި ވާ |އަށް|އާއި |އަކަށް| ދެނެގަންނާނެ ބައެއް ގޮތްގޮތާ މެދު އަދި ވާހަކަދައްކައިލުމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ. އެހެންކަމުން ލަފުޒު ނިމޭ ތަނުގައި ށަވިޔަނީގައި ސުކުންކުރެވޭ އާންމު އެހެން އަކުރެއްގެ ވާހަކައަށް ފެށުމުގެ ކުރީން، މި ދެ އަކުރުގެ ވާހަކަ އަދި ކުޑަކޮށް ދައްކައިލާނަމެވެ.

މި ލިއުމުގައި ބަލައިލަމުން މި ގެންދަނީ ށަވިޔަނިސުކުން ކުރެވޭ ތަންތަނުގެ މައްޗަށް ކަމަށް ވިއަސް، ށަވިއަނިސުކުނާއި އަލިފުސުކުނަކީ ކިއާ އިރު އެއް ގޮތަށް އަޑުއިވޭ ދެ ސުކުން ކަމަށް ވެފައި، މި ދެ އަކުރުގައި ކުރާ ސުކުން ބައެއް ފަހަރު އޮޅިފައި ހުންނާތީ، އަލިފުސުކުން ނުކުރެވޭނެ ބައެއް ތަންތަނާއި އަލިފުސުކުން ކުރެވިދާނެ ބައެއް ތަންތަނަށް ވެސް މި ލިއުމުގައި ބަލައިލާން ގަސްދުކުރަމެވެ. އެއީ ށަވިޔަނިސުކުން ކުރެވޭ ބައެއް ތަންތަން ދެނެގަންނާން ފަސޭހައަކަށެވެ.

ފުރަތަމަ، |އަށް| މި ލަފުޒަށް ނުވަތަ އަކުރަށް ބަލާ އިރު، ލަފުޒެއް ނިމޭ އިރު އަލިފުސުކުނާއި ށަވިޔަނިސުކުނުގެ އަޑު އިވޭ ތަނެއްގައި ސުކުނުގެ ކުރީގައި |އަ| އޮތް ނަމަ، އެ |އަ|ގެ ފަހަތަށް އަންނަ ސުކުން އަލިފެއްގައި ކުރެވޭ ލަފުޒެއް (ފުއައް ނޫނީ) ފާހަގަކުރެވިފައެއް ނެތެވެ. (ފުވައް ބައެއް މީހުން ލިއާ އިރު ފުއައް ލިއެފައި ހުރެއެވެ.) |އަށް| އެހެން ލަފުޒަކާ ގުޅިގެން، ގެއަށް، ވާހަކައަށް، ސިފައަށް، ގަދައަށް މި ގޮތަށް ނޫން ގޮތަކަށް ދެން އަންނަނީ މިންވަރު ނުވަތަ އަދަދު ބަޔާންކުރާ އިރު އަށެއްގެ ވާހަކަ ބުނާން ނަމުގެ ކުރިއަށް ވަކި ލަފުޒެއްގެ ގޮތުގައެވެ. އަށް ގެ، އަށް މީހުން، އަށް އަހަރު މި ގޮތަށެވެ. މި ބަޔާންކުރެވުނު ދެ ހާލަތުގައި ވެސް، ސުކުން އޮތް ތަނުގައި ށަވިއަނީގައި ފިލިޖެހޭތީ |އަށް|ގައި އޮންނާނީ ށަވިއަނިސުކުނެވެ. އެހެންކަމުން ލަފުޒެއް ނިމޭ ތަނުގައި |އަށް|ގެ އަލިފު ފެންނާން އޮވެއްޖެ ނަމަ އެ ތަނުގައި ކުރާ ސުކުން އަލިފުސުކުނަކާ އޮޅޭނެ ތަނެއް އޮތް ކަމަކަށް ނުފެނެއެވެ.

މި ދެންނެވި |އަ|ގެ އިތުރަށް އަލިފުސުކުނާއި ށަވިޔަނިސުކުނުގެ އަޑުން ލަފުޒެއް ނިމޭ އިރު، އެ ސުކުނުގެ ކުރީގައި ޙ، ޚ، ށ، ނ، ރ، ޢ، ޣ، ފ، ޛ، ޘ، ޠ، ޡ، ގ، ޤ، ޏ، ސ، ޝ، ޞ، ޟ، ޑ، ޒ، ޔ، ޕ، ޖ، ޗ މިއިން އަކުރެއްގައި އަބަފިލި ޖެހިފައި އޮތަސް، އެ ސުކުން އަލިފެއްގައި ކުރެވޭ ތަނެއް ފާހަގަކުރެވިފައެއް ނެތެވެ. ވީމާ، |އަށް|ގެ އަލިފު ފެންނަން ނެތަސް، އަލިފުގެ މަގާމުގައި މި ބަޔާންކުރި އަކުރުތަކުން ކުރެ އަކުރެއްގައި އަބަފިލި އޮތް ނަމަ އެއީ |އަށް| ކަން ދެނެގަނެވޭނެއެވެ. މިސާލަކަށް މަލީޙަށް، ތާރީޚަށް، ރަށަށް، ދެކުނަށް، އުތުރަށް، ރަފީޢަށް، ބާޣަށް، ޝަރީފަށް، މުޢާޛަށް، ޣިޔާޘަށް، ރިބާޠަށް، މަޙްފޫޡަށް، ވަގަށް، ވާތްގަށް، ފާރޫޤަށް، ކުންފުންޏަށް، މެއްސަށް، ނާޒިޝަށް، ޝަޚްޞަށް، ފަޔާޟަށް، އުޑަށް، ފާނޫޒަށް، އައްޔަށް، ގޮތްޕަށް، ބެޖަށް، ބޯއްޖަށް، ކައްޗަށް މި ލަފުޒުތަކުގައި ލަފުޒުގެ ފަހަތުން ލަފުޒާ ގުޅިފައި އެ އޮތީ |އަށް| އެވެ. ލަފުޒު ނިމޭ ސުކުން އޮތް ތަނުގައި އެހެން ފިއްޔެއް ޖަހާ ނަމަ ފިލިޖެހޭނީ ށަވިއަނީގައެވެ. އެހެންކަމުން އެ ތަނުގައި ސުކުންކުރާނީ ށަވިޔަނީގައެވެ.

އަލިފުސުކުނާއި ށަވިޔަނިސުކުނުގެ އަޑުން ލަފުޒެއް ނިމޭ އިރު، އެ ސުކުނުގެ ކުރީގައި ހ، ބ، ޅ، ކ، ވ، މ، ދ، ތ، ލ، ޓ މިއިން އަކުރެއްގައި އަބަފިލި ޖެހިފައި އޮތްނަމަ، އެއީ |އަށް|ގެ އަލިފުގެ އަބަފިލި ޖެހިފައި އޮތް އަކުރެއްތޯ ނުވަތަ ނޫންތޯ ބަލާންޖެހޭނެއެވެ. މިއިން އަކުރެއްގެ އަބަފިލީގެ ފަހަތުގައި ށަވިޔަނީގައި ސުކުންކުރެވޭނީ އެ އަކުރުގައި އެ އޮތީ |އަށް|ގެ އަލިފުގެ އަބަފިލި ކަމުގައި ވާ ނަމައެވެ.

އިލާހަށް، އޮފީހަށް، ސޯބަށް، ލޯތްބަށް، އަތޮޅަށް، މަނިކަށް، ތަބަކަށް، ބޮތްކަށް، ނަވަށް، އަލުތްވަށް، ކޮލަމަށް، ދާލަމަށް، ދުރުތްމަށް، ބުދަށް، ކަންފަތަށް، ދަނާލަށް، ލޮލަށް، ކޯޓަށް، މަރޮށްޓަށް މި ތަންތަނުގައި ލަފުޒު ނިމޭ ސުކުނުގެ ކުރީގައި އޮތް އަކުރުގައި އެ ވަނީ |އަށް|ގެ އަލިފުގެ އަބަފިއްޔެވެ. އެހެންކަމުން އެ ތަންތަނުގައި އަބަފިލި އޮތް އަކުރުގެ ފަހަތުގައި ސުކުންކުރާނީ ށަވިޔަނީގައެވެ. އެއީ ސުކުން އޮތް ތަނުގައި އެހެން ފިއްޔެއް ޖަހާ ނަމަ ށަވިއަނީގައި ފިލިޖެހޭތީއެވެ.

ނަމަވެސް ފިނިހައް، ތަބައް، އުޅައް، ކައް (ލިބާހުގެ)، ފުވައް، މައް (އެހެން އެއްޗަކާ އެކުނުވާ)، ދަމާދައް، ކަންތައް، މުލައް، ޓައް މި ލަފުޒުތަކުގައި ލަފުޒު ނިމޭ ސުކުނުގެ ކުރީގައި އޮތް އަކުރުގައި އެ ވަނީ |އަށް|ގެ އަލިފުގެ އަބަފިއްޔެއް ނޫނެވެ. އެއީ ހަމަ އެލަފުޒުގެ އެ އަކުރުގެ ފިއްޔެވެ. އެހެންކަމުން އެ ލަފުޒުތަކުގެ ނިމޭ ތަނުގައި ށަވިޔަނީގައެއް ސުކުނެއް ނުކުރެވޭނެއެވެ. އެއީ ސުކުން އޮތް ތަނުގައި އެހެން ފިއްޔެއް ޖަހާ ނަމަ ށަވިއަނީގައި ފިލިނުޖެހޭތީއެވެ. (ލަފުޒެއް ނިމޭ ތަނުގައި ހ، ބ، ޅ، ކ، ވ، މ، ދ، ތ، ލ، ޓ މިއިން އަކުރެއްގެ އަބަފިލީގެ ފަހަތުގައި އަލިފުސުކުނެއް އޮންނަ ބައެއް ލަފުޒުތަކުގެ ލިސްޓެއް މި ކޮލަމުގެ ތިރީގައި ހިމަނައިފައި ވާނެއެވެ. މި ފަދަ ލަފުޒުތަކަކީ އެހައި ގިނަ ލަފުޒުތަކެއް ނޫނެވެ. ޚާއްޞަކޮށް މި އަކުރުތަކުގެ ތެރެއިން ހ، ވ، ތ ނޫން އަކުރެއްގައި އަބަފިލި ޖެހިފައި ހުންނަ ލަފުޒުލަފުޒެވެ.) |އަށް| ގުޅިފައި ހުންނަ ލަފުޒުތަކާ ޚިލާފަށް މި ލަފުޒުތަކުން ފަހަތުގައި އޮތް ސުކުނާ އެސުކުނުގެ ކުރީގައި އޮތް އަކުރުގެ އަބަފިލި އުނިކޮށްލައިގެން ލަފުޒު ފުރިހަމައެއް ނުކުރެވޭނެއެވެ. މިސާލަކަށް |ފިނިހައް|ގެ |ފިނިހ|އާ ހަމައިން ލަފުޒު ފުރިހަމައެއް ނުކުރެވޭނެއެވެ. ނަމަވެސް |އިލާހަށް|ގެ ފަހަތުގައި އޮތް ށަވިޔަނިސުކުނާއި އޭގެކުރީ އަކުރުގެ އަބަފިލި ދޫކޮށްލައިފައި |އިލާހު| މި ގޮތަށް ލަފުޒު ފުރިހަމަކުރެވޭނެއެވެ. |އޮފީހަށް|ގެ ފަހަތުގައި އޮތް ށަވިޔަނިސުކުނާއި އޭގެކުރީ އަކުރުގެ އަބަފިލި ދޫކޮށްލައިފައި |އޮފީސް| މި ގޮތަށް ލަފުޒު ފުރިހަމަކުރެވޭނެއެވެ. |އޮފީހަށް|ގައި އޮތް |ހ| އަކީ |އޮފީސް|ގެ ފަހަތަށް |އަށް| ގުޅި އިރު |ސ| ބަދަލުވީ |ހ|އެވެ. |ފިނިހައް|ގެ |ހ|ގެ ބަދަލުގައި |ސ|އެއް ބޭނުންކޮށްގެން ލަފުޒު ހަމަޖެއްސޭތޯ ބެއްޔަސް އެ ގޮތަށް ވެސް ލަފުޒު ހަމައެއް ނުޖެއްސޭނެއެވެ. އެހެނީ |ފިނިހައް|ގެ |ހ| އަކީ |ސ| ބަދަލުވެފައި އޮތް |ހ|އެއް ނޫނެވެ.

ގިނަކުރާ އަކުރު |ތައް| އަކީ ނަމާ ގުޅުވައިގެން ނަމުގެ ފަހަތުގައި ވަރަށް ގިނައިން ބޭނުން ކުރެވޭ އަކުރެކެވެ. އެހެންކަމުން |އަށް|ގެ އަލިފުގެ އަބަފިލި ޖެހިފައި ވާ |ތ| އާއި |ތައް|ގެ |ތ| އޮޅުވައިނުލާން ސަމާލުކަން ދޭންވާނެއެވެ. ފޮތްތައް، ދަފަތްތައް، ހަރުފަތްތައް، ތޫތުތައް، ވަގުތުތައް، ތުހުމަތުތައް މި ލަފުޒުތަކުގައި އެ ވަނީ ގިނަކުރުމުގެ އަކުރު |ތައް|ގެ |ތ|އެވެ. އެހެންވެ، |ތައް|ގެ ނިމޭ ސުކުން ކުރެވިފައި އެ ވަނީ އަލިފުގައެވެ. އެއީ ސުކުން އޮތް ތަނުގައި އެހެން ފިއްޔެއް ޖަހާ ނަމަ ކާފުގައި ފިލިޖެހޭތީއެވެ. ފޮތަށް، ދަފަތަށް، ހަރުފަތަށް، ތޫތަށް، ވަގުތަށް، ތުހުމަތަށް މި ލަފުޒުތަކުގައި އެ ވަނީ |އަށް|ގެ އަލިފުގެ އަބަފިލި ޖެހިފައި ވާ |ތ|އެވެ. އެހެންވެ |ތަށް|ގެ ނިމޭ ސުކުން ކުރެވިފައި އެ ވަނީ ށަވިޔަނީގައެވެ. އެއީ ސުކުން އޮތް ތަނުގައި އެހެން ފިއްޔެއް ޖަހާ ނަމަ ށަވިއަނީގައި ފިލިޖެހޭތީއެވެ.

އަލިފުގައި ސުކުން އޮންނަ |ތައް|އާއި ށަވިޔަނީގައި ސުކުން އޮންނަ |ތަށް| ދެނެގަނެވިދާނެ އަނެއް ގޮތަކީ އަލިފުގައި ސުކުން އޮންނަ |ތައް| ނުލައި ކުރީ ލަފުޒު ފުރިހަމަކުރެވޭނެއެވެ. މިސާލަކަށް: ފޮތްތައް - ފޮތް، ދަފަތްތައް - ދަފަތް، ތޫތުތައް - ތޫތު، ވަގުތުތައް - ވަގުތު. ނަމަވެސް ށަވިޔަނީގައި ސުކުން އޮންނަ |ތަށް|ގެ |ތ| ނުލައެއް ކުރީ ލަފުޒެއް ފުރިހަމައެއް ނުކުރެވޭނެއެވެ. މިސާލަކަށް: ފޮތަށް - ފޮތް، ދަފަތަށް - ދަފަތް، ތޫތަށް - ތޫތު، ވަގުތަށް - ވަގުތު.

ދެން އޮތީ |އަކަށް| އެވެ. މި އަކުރުގެ |އ| އުނި ނުވެ |އަކަށް| އޮތަސް، |އަކަށް|ގެ |އ| އުނިވެފައި އެ |އ|ގައި އޮތް އަބަފިލި |އަކަށް| ގުޅުނު ލަފުޒުގެ ފަހު އަކުރުގައި ޖެހުނަސް އަލިފުސުކުނަކާ އޮޅޭނެ ތަނެއް އޮތް ކަމަކަށް ނުފެނެއެވެ. އެހެނީ އަލިފުސުކުނާއި ށަވިޔަނިސުކުނުގެ އަޑުން ނިމޭ ލަފުޒެއް، |ަކައް| މި ގޮތަށް، ލަފުޒު ނިމޭ ސުކުނުގެ ކުރީގައި ކާފުއަބަފިއްޔެއް، އެ ކާފުއަބަފިލީގެ ކުރީގައި އަބަފިލިޖެހިފައި އޮތް އެހެން އަކުރެއް އޮންނަ އަލިފުސުކުނަކަށް ނިމޭ ލަފުޒެއް ފާހަގަކުރެވިފައެއް ނެތެވެ. ކުރިން ބަޔާންކުރެވުނު އަލިފުސުކުނަށް ނިމިފައި ހުރި ލަފުޒުތަކުގެ ތެރެއިން ލަފުޒެއްގެ ފަހަތަށް |އަކަށް| ގުޅުވިއަސް މި |އަކަށް|ގެ ށަވިޔަނިސުކުނަކަށް ބަދަލެއް ނާންނާނެއެވެ. މިސާލަކަށް: ފިނިހައް+އަކަށް > ފިނިހަކަކަށް، (ލިބާހުގެ) ކައް+އަކަށް > ކަކަކަށް.

|އަކަށް| މި އަކުރު އާންމުކޮށް ދެ ތަނެއްގައި ބޭނުންކޮށްފައި ހުރެއެވެ. އެއް ތަނަކީ ނޫނެކޭ ބުނާ އިރު ނަމާ ގުޅިގެންނެވެ. މިސާލަކަށް: އަހަރެންނެއް އަހަރެންގެ ގެއަކަށް ނުދާނަމެވެ. އަނެއް ތަނަކީ ޚާއްޞަކުރުމެއް ނެތި ބުނާ ނަމަކާ ގުޅިގެންނެވެ. މިސާލަކަށް: އެހެންވިއަސް މި ގެ ނޫން ކޮންމެވެސް ގެއަކަށް ދާށެވެ. |އަށް| މި އަކުރު އާންމުކޮށް ބޭނުންކުރަނީ ނަފީނުކުރާ ބުނުންތަކުގައި ޚާއްޞަނަމެއް ނުވަތަ ބުނާމީހާއާއި އަޑުއަހާމީހާއަށް އެނގޭ އާންމުނަމެއްގެ ފަހަތުގައެވެ. މިސާލަކަށް: މުޙަންމަދު މިހާރު ދެން ގެއަށް ދާށެވެ. އަދި މި ސިޓީ ޚަދީޖާއަށް ދޭށެވެ.

ސުކުން އޮތް ތަނުގައި ސުކުން ނޫން ފިއްޔެއް ޖަހައިގެން ކިއޭ ނަމަ، ށަވިޔަންޏެއްގައި އެ ފިއްޔެއް ޖެހޭތީ ށަވިޔަނީގައި ސުކުން ކުރެވޭ |އަށް|އާއި |އަކަށް| ނޫން އެހެން ބައެއް ތަންތަނާ މެދު ލިއާން ހިތުއަޅައިގެން ގަލަން ނެގިއަސް މި ފަހަރު ވެސް މި ނިންމައިލެވުނީ އެ ހިސާބަށް ނުދެވިއެވެ. އިރާދަކުރެއްވިއްޔާ ދެން ފަހަރަކުން މި ހެން ވިއަކަނުދޭނަމޭ ހިތުގައި އެބަ އޮތެވެ.

_____________

• ލަފުޒެއް ނިމޭ ތަނުގައި ހ، ބ، ޅ، ކ، ވ، މ، ދ، ތ، ލ، ޓ މިއިން އަކުރެއްގެ އަބަފިލީގެ ފަހަތުގައި އަލިފުސުކުނެއް އޮންނަ ބައެއް ލަފުޒުތައް:

ހައް، ގާހައް، ފިނިހައް، ހުނިހައް، ކޮނޑެލިހައް، ހާޑުހައް، ކިހައް، ބައް، ތަބައް، އުޅައް، ފުޅައް، ވައިފުޅައް، މެދުފުޅައް، ކައް (ލިބާހުގެ)، ފުއައް، ވައް (ގަސްގަހުގެއާއި އޮޑިދޯނިފަހަރުގެ)، އިހާވައް، ގޮނާވައް، ރައިވައް، ފައިވައް، ބޯބޮޑުފައިވައް، ތަކޫވައް، މެއިވައް، ފަންވައް، ކިހަވައް، ކަށަވައް، މޮށަވައް، ކުއްޅަވައް، އަހިވައް، ހުހިވައް، ބުރެހިވައް، ގުރެހިވައް، ތަނބިވައް، ކާޅިވައް، ލަދިވައް، މަތިވައް، ކަހަރުވައް، ފޫޅުވައް، ނަދޮޅުވައް، ފުވައް، ކައިތުވައް، ބަނޑުވައް، ބުޑުވައް، މުޑުވައް، ކެޔޮވައް، މައް (އެހެން އެއްޗަކާ އެކުނުވާ)، ދަމާދައް، ތައް (ރުއްރުކުގައި ޖަހާ، އަނގަ، ގިނަކުރާ އަކުރު)، ކަންތައް، (|ކަންތައް|ގެ ކުރިއަށް އެހެން ލަފުޒެއް ގުޅުވައިގެން ހެދިފައި ހުރި އެކުވިލަފުޒުތައް، މިސާލަކަށް: ހަރާންކަންތައް، ސިއްރުކަންތައް، މަހުކަންތައް ... މި ލިސްޓުގައެއް ނުލިއަމެވެ.) ކިތައް، މިތައް، އެތައް، ލައް، މުލައް، ޓައް.

**********

އެޑިޓަރުގެ ނޯޓު: ޝާހިދު ޙަލީމަކީ ދިވެހި އަދަބީ ދުނިޔޭގައި ފާހަގަކުރެވޭ ލިއުންތެރިއެކެވެ. އޭނާ ލިއުއްވާ ރޮނގުތަކުގެ ތެރެއިން އެއް ރޮނގަކީ ބަހާއި ބަހުގެ ހަމަތަކުގެ ރޮނގެވެ. ދިވެހިބަހުގެ އެކެޑަމީން މި އަހަރު، ޝާއިޢުކުރެއްވި ދިވެހިބަހުގެ އާންމު ބައެއް އިސްތިއުމާލުތަކާ ގުޅޭ ފޮތް "ދިވެހި ގެ" ގެ މުޞަންނިފަކީ ވެސް ޝާހިދު ޙަލީމެވެ. ޝާހިދު ޙަލީމަކީ ޅެންވެރިއެއް ވެސް މެއެވެ. ޅެންވެރިކަމާ ގުޅޭ އޭނާގެ ދެ ފޮތެއް 2020 ގައި ވަނީ ނުކުމެފައެވެ. އެއީ އޭނާގެ ޅެން ފޮތް "ލޯ" އާއި، "ބަނޑުވައްއަކުރާއި ފިލިކޯޅި އެއްގޮތްކުރުން" އެވެ. ޝާހިދު ޙަލީމުގެ ލިއުންތަކާއި ޅެންތައް ބައެއް މަޖައްލާތަކާއި ވެބްސައިޓްތަކުގައި ވެސް ޝާއިޢުކުރެވިފައި ވެއެވެ.