އުނަގަނޑުގެ މައްސަަލަ ހުންނާތީ ގިނަ ވަގުތު ޝަރީއަތުގައި އިންނަވަން ދަތިފުޅުވާ މައްސަލަ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުވެ، ފަސްމިލިއަން ޑޮލަރުން ޖޫރިމަނާ ކޮށް، ފަސް އަހަރު ދުވަހަށް ޖަލަށް ލާން ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކުރި މައްސަލަ ސުޕްރީމްކޯޓުގައި ވަނީ އިސްތިއުނާފު ކުރައްވައިފައެވެ.

އެ މައްސަލައިގެ ތިންވަނަ އަޑުއެހުމުގެ ގޮތުގައި ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށްގެންނާ ޝަރީއަތުގެ މަޖިލީސް ފެށުމުން ފުރުސަތު ހޯއްދަވައި، ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ އުނަގަނޑުގައި ވަރަށް ބޮޑު މައްސަލައެއް ހުންނަ މީހެއް ކަމަށެވެ.

އެހެންކަމުން ގޮނޑިއެއްގައި އިންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް މެދު ނުކެނޑި އެގޮތަށް އިންނަވަން ދަތިފުޅު ވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެއްގަޑިއިރުގެ ބްރޭކެއް ދިނަސް ޝަރީއަތުގެ އަޑުއެހުން ތާވަލު ކޮށްފައިވަނީ ފަސް ގަޑިއިރަށް ކަމަށެވެ. އެހެންކަމުން އެކަމަށް ޝަރީއަތުން ރިއާޔަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުގައި އިންނެވި އިސް ފަނޑިޔާރު މަހާލް އަލީ ޒާހިރު ވިދާޅުވީ، ޝަރީއަތުން އެކަންކަމަށް ރިއާޔަތް ކުރާނެ ކަމަށެވެ. އަދި އެކަމާމެދު މަޝްވަރާ ކުރެއްވުމަށްފަހު، ޝަރީއަތުން ނިންމާ ގޮތެއް ބްރޭކަށްފަހު ދަންނަވާނެ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުން ފައްޓަވަމުން ފަނޑިޔާރު ވިދާޅުވީ މިއަދު އަޑުއެހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހެނދުނު 9:00 އިން 12:00 އަށް ކަމަށެެވެ. އަދި 10:30 ބްރޭކެއް ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން މެންދުރުފަހަށްވެސް ޝަރީއަތުގެ އަޑުއެހުން ތާވަލުކޮށްފައިވާނެ ކަމަށާއި، މެންދުރުފަހުގެ އަޑުއެހުން ކުރިއަށްދާނީ 1:30 އިން 3:30 އަށް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ޝަރީއަތުގެ މަޖިލީހަށް އިސްތިއުނާފީ ނުކުތާތައް ހުށަހަޅާ ސްޕީޑަށް ބަލައި ވަގުތު ދާގޮތަކުން ގަޑިއަށް ބަދަލު ގެންނަން ޖެހިދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހައިކޯޓުން ތާއީދު ކުރި މައްސަލަ އިސްތިއުނާފު ކުރުމުގެ ތެރެއިން، އިތުރު ދެ ހުށަހެޅުމެއްވެސް ރައީސް ޔާމީންގެ ފަރާތުން ސުޕްރީމްކޯޓަށް ވަނީ ހުށަހަޅައިފައެވެ. އެއީ ކަފާލާތުގެ ދަށުން އެމަނިކުފާނު ދޫކޮށްދިނުމަށާއި، މިހާރު ތަންފީޒު ކުރަމުން އަންނަ ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމަށެވެ.

ނަމަވެސް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ކުރިއަށް ގެންދަނީ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުމެވެ.